އަންނަ 2021 ވަނަ އަހަރުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:00ން ރޭގަނޑު 8:00ށް މާލެއާއި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިއަހަރަކީ ކޮވިޑް-19ގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަ ބަންދުވެ، ދަތުރުފަތުރު ކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަ ކުރަން ޖެހިފައިވާ އަހަރެއް ކަމަށެވެ. އަދި މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވިވާތީ މިހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވާކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
މިގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި 2021 ވަނަ އަހަރުގެ ޖެނައަރީ މަހުގެ 01 ވާ ހުކުރު ދުވަހުގެ ހަވީރު 4:00ން 8:00ށް މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ، 01 ޖަނަވަރީ 2021 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 8:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ހުއްދަ ދީފައިވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވުމަކީ މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ ޢިއުލާންކުރާ ކަމަށެވެ.
ފައިމަގުގައި ހިނގާ ވަގުތުކޮޅުގައި ދުއްވަން ހުއްދަ ދީފައިވާ ބައެއް އުޅަނދުތައް:
1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
2. އެމްބިއުލެންސް
3. ޙާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޙާއްސަ ކުރެވިފައިވާ ސައިކަލް
4. ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޙިދުމަތް
5. އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު
ސިޓީ ކައުންސިލުން ބުނީ، އެކައުންސިލްގެ މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.