ލޮލަށް ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ވަކި ނިޝާނަކާއެކު މާލޭގެ މަގުތަކަށް ޒަމާނީ ބަދަލުތަކެއް ގެނެސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން މަގު ހެދުމުގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ގެނުވައިފިއެވެ.
މާލޭގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައާއި، ހެވީ ވެހިކަލްތައް ދުއްވުމުގެ ސަބަބުން މަގުތައް ހަލާކުވަމުންދާ މައްސަލައަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން އަބަދުމެ ކުރަމުން އަންނަ ޝަކުވާއެކެވެ. އާއިލާއާއެކު ހަމަޖެހިލައިގެން މަގުމަތީގައި ހިނގާލުމާއި، ބަލި މީހަކު ނުވަތަ އެހެން މީހަކާއެކު ނަމަވެސް ހަމަޖެހިލައިގެން ވެހިކަލެއްގައި އެއްތަނުން އަނެއް ތަނަށް ދިއުމަށް ދިމާވާ ގޮންޖެހުމަކީވެސް މިދެންނެވި ގޮތަށް މަގުތައް ޒަމާނީ ފެންވަރަށް ބަދަލު ނުވެ އޮތުމުން ކޮންމެ ދުވަހަކުމެ ރައްޔިތުން ކުރާ ޝަކުވާއެކެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން މިވަނީ މަގުތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގައި މުޅިން އައު ޑިޒައިނަކަށް މަގުތައް ހަދަން ފަށާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މަގުގެ ދެފަރާތުން ހަދާފައިވާ ދުވާރުގެ މެދުގައި ރީނދޫ ކުލައިން ފާހަގަކޮށްފައިވާ ނިޝާނެވެ. މި ނިޝާނަކީ ލޯފަން މީހުންނަށް ހާއްސަކޮށް އެމީހުން ހިނގާއިރު، ދުވާރުގެ މެދު ފާހަގަކުރުމަށް ހަދާފައިވާ ނިޝާނެކެވެ. މީގެ އިތުރުން މި މަގުގައި ފުރޮޅުލީ ގޮނޑީގައި އުޅޭ ފަރާތްތަކަށްވެސް ފަސޭހަ ކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްފައެވެ.
މާލޭގެ ކަނބާ އައިސާ ރަނި ހިނގުމުގެ މަގު ހެދުމަށް އާރުޑީސީން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ރާއްޖެއެމްވީ އާއި ހިއްސާކުރަމުން އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމެންޓު މެނޭޖަރ އަލީ ހުމާމު ވިދާޅުވީ، ކަނބާ އައިސާ ރަނި ހިނގުމުގެ މަގުތައް ހެދުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އެގޮތުން މީގެ އެތައް އަހަރެއް ކުރިން އެ މަގުގައި ވަޅުލާފައިހުރި ކޭބަލްތަކާއި ހޮޅިތައް ނަގައި އެއީ ކޮން ބޭނުމެއްގައި ކޮން އިރަކު ވަޅުުލާފައި ހުރި އެއްޗެހިތޯ ބަލައި ކުރެހުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހުނު ކަމަށެވެ.
ހުމާމް ވިދާޅުވީ، މި މަގުގައި ފެން ހިންދުމަށް ބޭނުންވާ ކާނުތައްވެސް އެހެން މަގުތަކާއި ތަފާތުކޮށް ހަދައި، ފެންބޮޑުވެއްޖެ ހާލަތެއް ނަމަ، ފަސޭހައިން ފެން ހިންދުމަށް ބޭނުންވާ ޕަންޕް ސްޓޭޝަންވެސް ހަރުކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިހާރުވެސް ވާރޭ ވެހިއްޖެނަމަ ބިންގަނޑަށް ފެން ހިނދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލެއަކީ އިމާރާތް ގިނަވެ ފެހިކަން ގެއްލެމުންދާ ސިޓީއަކަށްވާއިރު، މާލެ ފެހި ކުރުމަކީ ސިޓީ ކައުންސިލުން ވަރަށް އިސްކަމެއް ދެއްވާ ކަމެކެވެ. އެއާއެކު މާލޭގެ ލޮނުޒިޔާރަތް ޕާކަށް ގެނެސްފައިވާ ފެހިކަން ފާހަގަކޮށްލެވެއެވެ.
ކަނބާ އައިސާ ރަނި ހިނގުމުގައި ބޮޑެތި ގަސް ޕޮޓުތަކެއް ބަހައްޓައި އޭގައި ރީތި ގަސްތަކެއް އިންދާފައިވާއިރު، މާލޭގައި ދެން ހެދޭ ގިނަ މަގުތަކުގައި މިގޮތަށް ގަސް ޕޮޓު ބަހައްޓަން ނިންމާފައިވާ ކަމަށް އާރުޑީސީން ބުނެއެވެ.
މީގެ އިތުރުން ވެސް މި މަގު ހަދާފައިވާއިރު، ފެނާއި ނަރުދަމާ އަދި ކަރަންޓާއި އެހެނިހެންވެސް ކޭބަލްތައް ދުވާރުގެ ދަށަށް މަގުގެ އެއްފަރާތަށް ލެވިފައިވާއިރު، މީގެން އެއްޗަކަށް ކަމެއް ދިމާވެއްޖެ ނަމަ، އެތަކެތި ހޯދުމަށް އިހުނައްވުރެ އެތައް ތަނެއް ފަސޭހަވެގެންދާނެއެވެ.
މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު އާރްޑީސީން ފެށި ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މި މަސައްކަތް ވަނީ ދުވަސްކޮޅަކަށް ހުއްޓިފައެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ބާރު މިނަށް ބަލައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ކަނބާ އައިސާ ރަނި ހިނގުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އާރުޑީސީން މައުލޫމާތުދެއެވެ.