މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން އެއްފަހަރު ބޭނުން ކުރެވޭ ޒާތުގެ ޕްލާސްޓިކް މަދު ކުރުމުގެ ގޮތުން ތާޒާފެން ބިއްލޫރި ފުޅީގައި މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ 'ފަލަސުރުހީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ ތާޒާ ފެނަކީ އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އައިބީއެމްގެ ބްރޭންޑެއްކަމަށެވެ. އަދި ފަސް ލީޓަރު ފެން ފިޔަވާ އެހެން ހުރިހާ ސައިޒަކަށް ފެން އުފައްދައިދެނީ އެމްޑަބްލިއުއެސްސީން ކަމަށެވެ.
އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުނީގެ ބިއްލޫރި ފުޅިތައް މާކެޓަށް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތްކަމަށާއި މިހާރު އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ އިތުރަށް ފީސިބިލިޓީވެސް ހަދައިފައިވާކަމަށް ޝާހު ހާމަކުރެއްވިއެވެ.
އެމްޑަބްލިއުއެސްސީގެ އެބަހުރި މިހާރު ވިސްނުމެއް. އަޅުގަނޑުމެން އެއަށް ބޭނުންވާ ފީސިބިލިޓީވެސް ހަދައިފިން އަދި އެއަށް ބޭނުންވާ ފައިނޭންސިންގ ވެސް ހަމަޖައްސައިފިން. މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރތެރޭގަ އެމްޑަބްލިއުއެސްސީގެ ބިއްލޫރި ފުޅިތަށް މާކެޓަށް ނުކުމެގެންދާނެ.އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު
ޝާހު ވިދާޅުވީ މިހާރު މިކަމާ ގުޅޭ މަޝްވަރާތައް އެކުންފުނީގެ އެގްޒެކެޓިވް މެނޭޖްމެންޓް މީޓިން ޓީމުން ކުރައްވާފައިވާ ކަމަށެވެ. އަދި 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ފުޅިތައް 'އާރްއޯ' ގެ ނަމުގައި ނެރެވޭނެ ކަމަށް ޝާހު ވަނީ ހާމަކުރައްވާފައެވެ.
އަދި އެ ބްރޭންޑްގެ ނަން ރަޖިސްޓްރީކޮށް ފާސް ކުރެވިފައިވަކަމަށް ވިދާޅުވެ، ޝާހު އިތުރަށް ވިދާޅުވީ އެ ގަތުމަށް ޝައުގުވެރިވާ ފަރާތްތަކާވެސް މިހާރު މަޝްވަރާތައް ކުރެވެމުން ދާކަމަށެވެ.
އަދި މި ބިއްލޫރި ފުޅިތަކުގެ ސައިޒު ފަށާނީ އެއް ލީޓަރުގެ ފުޅިން ކަމަށް ޝާހު ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ފުރަތަމަ ދުވަސްކޮޅު ރައްޔިތުންނަށާ އެ ކުންފުންޏަށްވެސް ގޮންޖެހުންތަކަކާއި ކުރިމަތި ވެދާނެ ކަމަށް ލަފާކުރެވުނަސް ރައްޔިތުން މި ފުޅިތަކަށް އާދަވުމުން ހުރިހާ ކަމެއްވެސް ފަސޭހަވެ، ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ކުރިއަށް ދާނެ ކަމަށް ޝާހު ވިދާޅުވިއެވެ.