ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ގިނަ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ގަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ 'ބާއްޖަވެރި ހެނދުނެއް' ޕްރޮގްރާމްގައި އެހުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމުގައި އިހުމާލު ވެވިފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާކަމަށެވެ.
އެގޮތުން ދާދި ފަހުން ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމީ ޖަލްސާގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ސްޓޭޖަށް އެރޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާކަން ފާހަގަ ކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިފަދަ ކަންކަން ރަނގަޅުކޮށް އިސްލާހުތައް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިހާރު މަގުތައް ހަދާއިރު އެ ފަރާތްތަކަށް ހާއްސަކޮށްގެން އެ މަސައްކަތް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައީސް ވިދާޅުވީ އުއްމީދު ދޫނުކޮށްލުމަށާއި މިހާރު ހުރި ސިޔާސަތުތައް އެ ފަރާތްތަކަށް ހާއްސަކޮށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ގިނަ މަސައްކަތްތަކެއް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއް ފުރާޅެއްގެ ދަށުން ހިދުމަތް ދެވޭ ގޮތަށް ''ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު" ގެ ނަމުގައި ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ދާދި ފަހުން ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.