ކ. މާލެ
|
28 ޑިސެންބަރ 2020 | ހޯމަ 22:34
ގއ ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ބަލި މީހަކު ގެންދަނީ
ގއ ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ބަލި މީހަކު ގެންދަނީ
ރާއްޖެއެމްވީ
ކޮވިޑް-19
ފާއިތުވި 24 ގަޑިއިރު ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ދަށަށް
ކައިވެނި ޕާޓީ އޮތީ މި މަހުގެ 20 ވަނަ ދުވަހު
ކޮވިޑުގެ އަލާމާތްތައް ހުރި ބަޔަކު ވަނީ މި ހަފުލާގައި ބައިވެރިވެފައި
ނިއު ނޯރމަލްއާ އެއްގޮތަށް އަމަލުކުރުމުކީ ވަރަށް މުހިންމު ކަމެއް

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން އާންމުކުރި ކޮވިޑްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އިން ހޯމަ ދުވަހުގެ ރޭ އިރުއޮއްސި 6:00 އަށް ކޮވިޑް-19 އަށް ޓެސްޓުކުރި 2،340 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވެފައިވަނީ 16 ސާމްޕަލް ކަމަށެވެ.

އަލަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން 11 މީހުންނާއި އަތޮޅުތެރޭ ރައްތަކުން އެކަކު، އަދި ރިސޯޓުތަކުން ހަތަރު މީހުންނެވެ. މިއާއެކު ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 13،660 އަރައިފައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 13،082 އެވެ.

ކޮވިޑުގެ ކޭސްތައް ފާއިތުވި ދެތިން ދުވަހު އިތުރުވެފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނި ހަފްލާއަކުން ވަނީ ހައި ރިސްކު 4 މީހުންނާއެކު ޖުމްލަ 41 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މި ހަފުލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވި ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޗެއަރޕަރސަން އޮފް ސްޓިއަރިންގ ކޮމިޓީ ފޯރ ކޮވިޑް ވެކްސިން، ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވީ 2021 ވަނަ އަހަރު ފާހަގަކުރުމަށް ވަރަށް ގިނަ ފަރާތްތައް ތައްޔާރުވަމުންދާ ކަމަށާއި އެގޮތުން އައު އަހަރު ފާހަގަކުރުމުގައި ވެސް ނިއު ނޯރމަލްއާ އެއްގޮތަށް އަމަލުކުރުމުކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޑރ.ޝާހު ވިދާޅުވީ މާސްކް އެޅުމާއި، އަތް ސާފުކޮށް ބެހެއްޓުމާއި ތިން ފޫޓުގެ ގައިދުރުކަން ބެހެއްޓުމަކީ ބަލިން ރައްކާތެރިވުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ތިން ފިޔަވަޅު ކަމަށެވެ. އެހެންކަމުން އައު އަހަރު ފާހަގަކުރުމުގައި ބާއްވާ ޕާޓީތަކުގައި ވެސް އެކަންކަން ހަނދާން ކޮށްދިނުމަށް ޑރ.ޝާހު ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް