ކ. މާލެ
|
28 ޑިސެންބަރ 2020 | ހޯމަ 22:02
ކޮރެއާގެ އެއަރޕޯޓް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރަނީ
ކޮރެއާގެ އެއަރޕޯޓް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރަނީ
ރޮއިޓަރސް
ކޮރޯނާވައިރަސްގެ އައު ސްޓްރެއިން
ކޮރޯނާވައިރަސްގެ އައު ސްޓްރެއިން ދެކުނު ކޮރެއާއިންވެސް ފެނިއްޖެ
 
އައު ވޭރިއަންޓް ފެނުމާއެކު ދެކުނު ކޮރެއާއިން ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް އަވަސްކުރުމުގެ މަސައްކަތް ފަށާފައި
 
އިނގިރޭސިވިލާތުން ފްލައިޓްތައް އައުން ޖެނުއަރީ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ވަނީ މަނާކޮށްފައި
 
އިނގިރޭސިވިލާތުން ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު އައި ތިން މީހުންގެ ފުށުން އައު ވޭރިއަންޓް ފެނިފައިވޭ

އިނގިރޭސިވިލާތުން ފެނިފައިވާ ކޮރޯނާވައިރަސްގެ އައު ވޭރިއަންޓް ދެކުނު ކޮރެއާއިންވެސް ފެނިފައިވާކަމަށް އެގައުމުގެ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އެޖެންސީ(ކޭޑީސީއޭ)ން ބުނެފިއެވެ.

ކޭޑީސީއޭ އިން ބުނީ އިނގިރޭސިވިލާތުން އެގައުމަށް ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު އައި ތިން މީހުންގެ ފުށުން އައު ވޭރިއަންޓް ފެނިފައިވާކަމަށެވެ. އައު ވޭރިއަންޓް ފެނުމާއެކު ދެކުނު ކޮރެއާއިން ވަނީ އިނގިރޭސިވިލާތުން ފްލައިޓް އައުން ޖެނުއަރީ މަހުގެ 7 ވަނަ ދުވަހާ ހަމައަށް މަނާކޮށްފައެވެ. މީގެއިތުރުން އިނގިރޭސިވިލާތުންނާއި ދެކުނު އެފްރިކާ އިން ދެކުނު ކޮރެއާއަށް އަންނަ މީހަކު ނަމަ އެގައުމަށް އައުމުގެ ކުރިން ކޮވިޑަށް ޓެސްޓް ކުރަންޖެހޭނެކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ދެކުނު ކޮރެއާއިން އާދިއްތަ ދުވަހު ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ 808 މީހުންނަށެވެ. މިއީ ހުކުރު ދުވަހު ރިޕޯޓްކުރި 1241 މީހުންނާއި އަޅާބަލާއިރު މަދު އަދަދެކެވެ.

އޮފިޝަލުން ބުނާގޮތުގައި ކޭސްތައް ފެންނަ މިންވަރު އާދިއްތަ ދުވަހު ދަށްވެފައިވަނީ ޓެސްޓް ކުރެވުނު އަދަދު މަދުވުމުންނެވެ. އަދި ކްރިސްމަސް ބަންދާދިމާކޮށްވެސް ޓެސްޓް ކުރެވުނު އަދަދު މަދުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ދެކުނު ކޮރެއާގައި ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާތީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އިޖުތިމާޢީ ގައިދުރުކަން ގެންގުޅުން ޖެނުއަރީ މަހާ ހަމައަށް ވަނީ އިތުރުކޮށްފައެެވެ.

އައު ވޭރިއަންޓް ފެނުމާއެކު ދެކުނު ކޮރެއާއިން ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް އަވަސްކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ވެކްސިން ބޭނުންކުރުމަށް ހުއްދަދިނުމަށް އާންމުކޮށް ހޭދަކުރާ 180 ދުވަހުގެ ބަދަލުގައި 40 ދުވަހަށް ކުޑަކޮށްފައިވާކަމަށް ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް ފުޑް އެންޑް ޑްރަގް ސޭފްޓީން ވަނީ އިއުލާންކޮށްފައެވެ.

ދެކުނު ކޮރެއާއިން އަންނަނީ އާބާދީގެ 85 އިންސައްތަ އަށް ބޭނުންވާ ވެކްސިން ހޯދުމަށް ވެކްސިން އުފައްދަމުން އަންނަ އެކިފަރާތްތަކާއެކު ވާހަކަދައްކާ އެއްބަސްވުންތަކަށް އަންނަމުންނެވެ.

އޮފިޝަލުން ބުނާގޮތުގައި މަސައްކަތްކުރާނީ ވީ އެންމެ އަވަހަކަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދީ ހަރޑް އިމިޔުނިޓީ ހޯދުމަށެވެ.

ދެކުނު ކޮރެއާގައި މިހާތަނަށް އައިއިރު 57،680 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 819 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް