ގއ. އަތޮޅުގެ އިތުރުން އެއަތޮޅުގެ ވިލިނގިއްޔަށް މިހާރު ދިމާވާ މައްސަލަތައް ހައްލުކުރުމާއި އެކި ދާއިރާތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ކައުންސިލާއި، ވިލިނގިލީ ރަށު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވާ، އެ އަތޮޅުގެ ތަރައްގީއާއި ކުރިއެރުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ. ހޯމަ ދުވަހު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވިލިނގިލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލާއި ވިލިނގިލީ ރަށު ކައުންސިލްގެ މެންބަރުން ވަނީ، އެކި ދާއިރާތަކުން އަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު ނައިބު ރައީސްއާ ހިއްސާކޮށްފައެވެ.
އެގޮތުން ސިއްހީ ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވެފައިވާ މައްސަލަތަކާއި، ދަތުރުފަތުރުގެ ނިޒާމު ރޭވިފައިވާ ގޮތުން ކުރިމަތިވާ އުނދަގޫތަކާއި، ފެނާއި ނަރުދަމާ ފަދަ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެއެވެ.
މީގެ އިތުރުން ވެސް، ތައުލީމީ ދާއިރާއާއި، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މުޖުތަމައު ސަލާމަތްކުރުމާއި، އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ޒުވާނުންނާއި އަންހެނުންގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި، އެ މީހުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ އަތޮޅާއި ރަށު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. ޚާއްސަކޮށް، ތައުލީމާއި ސިއްހީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއެކު، އެ ދާއިރާތަކުގެ ތަރައްގީއަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހާ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއެކު ތަރައްގީ ހަރުފަތްތައް ގިރާކުރުން ކަމުގައެވެ. އަދި، އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދައި ދިނުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.