މި ސަރުކާރުން މިފްކޯއާއި ހަވާލުވިއިރު މަސްވެރިންނަށް ދަރާފައިވާ ކަމަށާއި، އެހުރިހާ ދަރަނި މިހާރުވާނީ ދައްކައިފައި ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ މި ސަރުކާރުން މިފްކޯ އާއި ހަވާލުވިއިރު މިފްކޯ އޮތީ މަސްވެރިންނަށް ދަރާފައި ކަމަށާއި، އެހެންނަމަވެސް މިހާރު އެ ހުރިހާ ދަރަނިތަކެއް ވަނީ ދައްކާފައި ކަމަށެވެ.
ފައުޒީ ވިދާޅުވީ މިފްކޯ ދަރާފައި އޮތީ ހަމައެކަނި މަސްވެރިންނަށް ނޫން ކަމަށާއި، އެހެން ކުންފުނިތަކަށްވެސް މިފްކޯ އޮތީ ދަރާފައި ކަމަށެވެ. އެހެންނަމަވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހެދުމަށް ނަގާފައިވާ ބޭންކް ލޯނު ފިޔަވައި ދެން ހުރި ހުރިހާ ދަރަންޏެއް މިހާރު ވަނީ ދައްކާ ހަލާސްކޮށްފައި ކަމަށެވެ.
މި ސަރުކާރުން މިފްކޯ އާއި ހަވާލުވިއިރު މިފްކޯ އޮތީ މަސްވެރިންނަށް ދަރާފައި. އެކަމަކު މިހާރު މި ހުރިހާ ދަރަންޏެއް ވާނީ ދައްކާ ހަލާސް ކުރެވިފައި. މިފްކޯ ދަރައިފައި އޮތީ ހަމައެކަނި މަސްވެރިންނަކަށް ނޫން. ސަރުކާރުގެ ކުންފުނިތަކަށް ވެސް މިފްކޯ އޮތީ ދަރާފައި. އަދި ބޭންކުތަކުން ނަގާފައި ހުރި ލޯނުތައް ހުރީ ނުދެއްކި. އެކަމަކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހެދުމަށް ނަގާފައިވާ ލޯނު ފިޔަވާ ދެން ހުރި ހުރިހާ ލޯނެއް އަދި ދަރަންޏެއް ވާނީ މިހާރު ދައްކާ ހަލާސްކުރެވިފައި. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް.މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ
މިފްކޯގެ ދަރަނިތައް ހަލާސްކުރެވިފައި ވުމުން ކުންފުނިން އިތުރަށް އިންވެސްޓް ކުރުމަށް މިހާރު ބޭންކުތަކުން ލޯނު ހޯދުމަށް ދައްޗެއް ނުވާނެ ކަމަށް ވިދާޅުވަމުން ފައުޒީ ވިދާޅުވީ ބޭންކުތަކުން ލޯނު ނަގާފައި ހުރުމުން މިދިޔަ އަހަރު ކުންފުނި ހިންގުމަށް ވަރަށް ބޮޑު ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށާއި، އެހެންނަމަވެސް މިހާރު އެދަތިތައް ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ކުންފުނި ހިންގުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ މިފްކޯ ތަރައްގީ ކުރުމަށް މިހާރު ފައިސާ ލިބިފައިވާ ކަމަށާއި، އެގޮތުން 50 މިލިއަން ޑޮލަރުގެ އިންފްރާސްޓަކްޗަރ އަންނާނެ ކަމަށެވެ. އަދި އަންނަ އަހަރުކުރީ ކޮޅު މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރު ވެގެންދާނީ މިފްކޯގެ ތާރީހުގައި މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް އެންމެ ގިނަ ޕްރޮޖެކްޓްތައް ފަށާނެ އަހަރު ކަމަށް ވެސް ފައުޒީ ވިދާޅުވިއެވެ.