މި މަހުގެ 20 ވަނަ ދުވަހު ކައިވެނި ޕާޓީއަކަށްދިޔަ މީހުންގެ ތެރެއިން ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ބަޔަކާއެކު، ޖުމްލަ 41 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ޝީ ބިލްޑިންގުގައި ބޭއްވި މި ކައިވެނި ހަފުލާގައި ކޮވިޑުގެ އަލާމާތްތައް ހުރި ބަޔަކު ބައިވެރިވެފައިވާއިރު، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް މީހުންވެސް ހިމެނެއެވެ. މި ހަފުލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވި ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގު ވިދާޅުވީ ކައިވެނި ޕާޓީއާއި ގުޅިގެން ހައިރިސްކް ހަތަރު މީހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށާއި އަދިވެސް ސާމްޕަލް ނެގުމާއި އިތުރު ކޮންޓެކްޓުން ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ.
ޑރ ނަޒްލާ ވިދާޅުވީ، މި ކްލަސްޓާގެ ތެރެއިން ފުރަތަމަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އަދި 25 ވަނަ ދުވަހު އިތުރު 12 މީހުން، 26 ވަނަ ދުވަހު 21 މީހުން އަދި 27 ވަނަ ދުވަހު އަށް މީހުން މި ކްލަސްޓާއިން ޕޮޒިޓިވްވެފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
ޑރ ނަޒްލާ ވިދާޅުވީ ކައިވެނި ޕާޓީއަށް ދިޔަ އެއްވެސް މީހަކަށް އެޗްޕީއޭ އިން މިހާތަނަށް ގުޅާފައި ނުވާނަމަ އެޗްޕީއޭގެ ހޮޓްލައިން 1676 ނަމްބަރު ފޯނަށް ގުޅައި މައުލޫމާތު ހިއްސާކުރުން އެދޭކަމަށެވެ.
ޑރ ނަޒްލާ ވިދާޅުވީ ކައިވެނި ޕާޓީ އާއި ގުޅިގެން ޕޮޒިޓިވްވީ މީހުންގެ އިތުރުން 116 ކޮންޓެކްޓުން މިހާތަނަށް ސިސްޓަމަށް އެންޓާ ކުރެވިފައިވާ ކަމަށެވެ. އަދި މިހާރުވެސް އިތުރު ކޮންޓެކްޓުން ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައިވެނި ޕާޓީއަކުން ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ މިފަދަ ހަފުލާތައް ބާއްވާއިރު އެ އޭޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ބުނެފައެވެ. އަދި ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ ފަރާތްތައް މާސްކް އެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ. މީގެ އިތުރުން ކައިވެނި ޕާޓީ ފަދަ ހަފުލާތައް އިންތިޒާމުކުރާ ތަންތަނަކީ ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހުންނަ ތަންތަންތޯ ބަލައި، ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ކަންކަން އިންތިޒާމުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު މި މަހު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާއިރު، ހެދިފައިވާ ގިނަ ގަވައިދުތަކަށް ވަނީ ބަދަލުތައް ގެނެސް ލުއިތަކެއް ދީފައެވެ. އެއާއެކު މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ކާފިއު ވަނީ އުވާލާފައެވެ. އަދި އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކަށްވެސް ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ލުއިތަކެއް ދީފައެވެ.