ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ އަމުރަކަށްއެދި، ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފި އެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް ފައިސަލް އަމީން "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނީ 6 މާރިޗު 2020ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންނަށް އެކަނިކަމަށް ކަނޑައަޅައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގައި ހިމަނާފައިވާބައި ޤާނުނު އަސާސީއާ ޚިލާފުކަމަށް ކަނޑައަޅައި އެބައި އުވާލަދިނުމަށް އެދި އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
އަމީން ފައިސަލް ވިދާޅުވީ، އެމައްސަލަ ހައިކޯޓަށް ބަލައިގަނެ ރެޖިސްޓްރީވެސް ކޮށްފައިވާ ކަމަށެވެ.
މިއަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ފުރަތަމަ ތާވަލްކޮށްފައި އޮތީ އޭޕްރިލް މަހުގެ 4 އެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ބާއްވާ ތާރީހު އޭޕްރިލް 18 އަށް ބަދަލުކޮށްފައެވެ. އަދި ފަހުން ވަނީ ވަކިތާރީހެއް ނެތްގޮތަށް އިންތިހާބު ފަސްކޮށްފަ އެވެ. އިންތިހާބު ފަސްކުރަންޖެހުނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެންނެވެ.
ކައުންސިލްތަކުގެ އިންތިހާބު ގާނޫނު ބުނެފައިވާ ދުވަހަށް ނުބޭއްވި، ކައުންސިލްތައް ގާނޫނީ ހުސަކަމަކަށް ދިޔަނުދިނުމަށްޓަކައި "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020"ގެ ނަމުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި، އެބިލް ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އެބިލް ތަސްދީގު ވެސް ކުރައްވާފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ގާނޫނަކީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނު ކޮށްފައި ވާތީއާއި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާޙައުލެއް ޤާއިމު ކުރެވެންދެން ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެނޫންވެސް ޚާއްޞަ އުޞޫލުތަކެއް އެކަށައެޅުމުގެ ޤާނޫނެވެ.
އެ ޤާނޫނަށް 10 މެއި 2020ގައި ޢަމަލުކުރަން ފެށުމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކުރެވިފައެވެ. އަދި އެ އިންތިޚާބުތައް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެކޮމިޝަނުން ދަނީ އަންނަ 2021 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް 5 ޖެނުއަރީގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ނުދީފިނަމަ އިންތިޙާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފަ އެވެ. އަދި އިންތިހާބު ދެން ބޭއްވޭއިރު، ނަން އަނބުރާ ނަގާފައިނުވާ ކެންޑިޑޭޓުންނާއެކު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ނަމަވެސް ކެންޑިޑޭޓުން ކަނޑައަޅައި، އިންތިހާބު ނުބޭއްވި މިހާގިނަ ދުވަސްތަކެއް ވެފައިވާތީ، ބައެއް ފަރާތްތަކުން ދަނީ އިންތިހާބު ދެން ބާއްވާއިރު، އަލުން އިންތިހާބަށް އިއުލާންކުރުމަށް ގޮވާލަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 74 ކެންޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ 40 ކެންޑިޑޭޓެއްގެ ނަން ވަނީ މިހާތަނަށް އަނބުރާ ގެންގޮސްފައެވެ.