ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ މި މަހުގެ ހަތެއްވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީކުރުމަށާއި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތައް ތަރައްގީކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި، ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އާއި، ޔޮޓް ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަހައްދުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބަޔާންކޮށްފައިވެއެވެ.
އެހެން ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ތަރައްގީކުރުމަށް ބިން އެކަށައެޅުމުގެ އިޚުތިޔާރު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް މި ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ލިބިގެންވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، މި ޤާނޫނުގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ އެ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށް މި ޤާނޫނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ކޮންމެ އިންސައްތައަކަށް 5 (ފަހެއް) އެމެރިކާ ޑޮލަރުގެ މަގުން އަގުކުރުމަށްފަހު ޖެހޭ އަދަދަކަށް، އެ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަނެއް ހިއްސާދާރަށް ނުވަތަ ހިއްސާދާރުންނަށް ވިއްކާލުމުގެ އިޚުތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.
އަދި އެގޮތަށް ހިއްސާ ވިއްކާއިރު، އެ ހިއްސާ ވިއްކާލުމުގެ މުއާމަލާތް ހިންގަންވާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި އާންމުކުރާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ދިވެހިންނަށް މަންފާވާނެ ގޮތެއްގައި އެ ދާއިރާ ހިންގުމަށްޓަކައި ވަނީ މުހިންމު އިސްލާހުތަކެއް އެ ޤާނޫނަށް ގެނެސްފައެވެ.
މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން، އާދީއްތަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެ ޤާނޫނަށް އަމަލުކުރަން ފަށާނީ، އެ ޤާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެންނެވެ.