އަވަސް ހައްލެއް ނުލިބި، ދިގު ލައިގެން ގޮސްފައިވާ އައްޑޫ ފްލައިންގ ސްކޫލުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދީ، އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ 6 މެންބަރަކު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ފްލައިންގ ސްކޫލުގެ މައްސަލައިގައި އައްޑޫ ސިޓީއަށް ވަޑައިގަތް 6 މެންބަރުންނަކީ، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އާއި، ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ އާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމާއި، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޤަނީ އަބްދުލް ޙަކީމާއި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފްގެ އިތުރުން ފޭދޫ ދާއިރާގެ މެންބަރު މުހަންމަދު ނިހާދެވެ. މި 6 މެންބަރުން އައްޑޫ ސިޓީއަށް ވަޑައިގެންފައި ވަނީ އާދިއްތަ ދުވަހުއެވެ.
ކޮމިޓީގެ މެންބަރުން އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުގައި އާދިއްތަ ދުވަހު ގަން އިންޓަނޭޝަނަލް އެއަޕޯޓުގެ ބޭފުޅުންނާ ބައްދަލުކޮށް، މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ހޯމަ ދުވަހު އައްޑޫ ސިޓީ ކައުންސިލާއި ފުލައިންގ ސްކޫލްގެ މެނޭޖްމަންޓުގެ އިތުރުން ފްލައިންގ ސްކޫލުގެ ދަރިވަރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ފްލައިންގ ސްކޫލްގެ މައްސަލަ ހޫނުވެ، ރައްޔިތުން މަޖިލީހުގެ ސަމާލުކަމަށް އައިސްފައިވާއިރު، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ފްލައިންގ ސްކޫލުގައި ހުރި ދަތިތައް ބަޔާންކޮށް، އެ ސްކޫލުގެ ދަރިވަރުން މަޖިލީހަށް ސިޓީ ފޮނުއްވުމަށް އެދިވަޑައިގަންފައެވެ. އަދި އެކަމުގައި މަޖިލީހުން ކުރެވެންހުރި ކަންކަމަށް ބަލައި ހައްލު ހޯއްދަވައިދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި މައްސަލައަށް ހައްލެއް ލިބިފައިނުވާއިރު، އެސްކޫލުން ވަނީ މީގެ ކުރިން ބައެއް ދަރިވަރުން ވަކިކޮށްފައެވެ. ނަމަވެސް ވަކިކުރި ދަރިވަރުންނަށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިގެން އަލުން ވަނީ ފުރުސަތު ދީފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިންވެސް ވަނީ އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން ވަކި ކުރުމުގައި ޤަވާޢިދާއި ޚިލާފަށް އަމަލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުޞޫލުން ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ބުނެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ ފްލައިން ސްކޫލުގެ ދަރިވަރުންނާ މެދު ބޭއިންސާފުން ޢަމަލުކުރުމަކީ އެ މިނިސްޓްރީން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މިނިސްޓްރީއާއި ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ އަމާޒަކީ ދިވެހިރާއްޖޭގައި އޭވިއޭޝަން ދާއިރާއިން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަރާތްތަކުގެ ކިބައިން ދިވެހި ދަރިވަރުންނަށް ފަހި ފުރުޞަތުތަކެއް ފޯރުކޮށްދިނުން ކަމަށެވެ.
އަދި އައްޑޫ ފްލައިން ސްކޫލްގެ މައްސަލަ ޙައްލުކުރުމުގައިވެސް ޢަމަލު ކުރަމުންދާނީ އެ މަޤްޞަދު އަމާޒަކަށް ހަދައިގެން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައި ގޮސްފައިވާއިރު، އެ ސްކޫލްގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އެސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންތަކެއް ވަނީ ޕެޓިޝަނެއްގައި ސޮއިކުރުމަށްފަހު ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައެވެ. ނަމަވެސް އަދާ ހަމައަށް އެކަމުގައި އެއްވެސް އަލިމަގެއް ފެނިފައިނުވާކަން ފާހަގަކޮށްލެވެއެވެ.