އިޔާދަކުރަނިވި ހަކަތައަށް އަމާޒުކޮށްގެން ހިންގާ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް އިސްލާމިކް) އިން ގްރީން ފައިނޭންސިންގ ތަޢާރަފްކޮށްފިއެވެ.
އާންމު ފަރުދުންނާއި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ފެށި މި ޕްރޮޖެކްޓަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 20 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެއެވެ. އަދި އެއްވެސް ރަހުނަކާ ނުލައި 5 ލައްކަ ރުފިޔާއާއި ހަމައަށް މިލޯނު ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިންބުނީ، 5 ލައްކަ ރުފިޔާއިން ދަށުގެ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި 5 ލައްކަ ރުފިޔާއިން މަތީގެ ލޯނަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.
ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، އަދި ހަމައެހެންމެ ރަހުނަކާ ނުލައި ގްރީން ލޯން ދޫކުރެވޭ ގޮތަށް މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ. އަދި މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް ބެލެވެއެވެ.