ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނަށް ބަދަލު ގެނެސް ވީއެންމެ އަވަހަށް އިންތިހާބު ބޭއްވޭނެ ގޮތް ހައްދަވައި ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިހާބު ފަސްކުރީ ހާއްސަ ގާނޫނެއްގެ ދަށުން އަންނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހަކީ އިންތިހާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީހުކަމަށް ބަޔާންކުރުމަށްފަހުގައެވެ. ނަމަވެސް އިލެކްޝަނުން ވަނީ ދެން އެންމެ އަވަހަށް އިންތިހާބު ބޭއްވޭނީ އަންނަ އަހަރުގެ މާޗު މަހުގައި ކަމަށް ބުނެފައެވެ. އެއާއެކު އިންތިހާބު އަވަހަށް ބޭއްވުމަށް ސިޔާސީ ޕާޓީތަކުން އަންނަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމުންނެވެ.
މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ މެންބަރު އިސްމާއިލް ހަބީބު، ރައީސް އޮފީހާއި ރައްޔިތުން މަޖިލީސް އަދި އެޗްޕީއޭ ޓެގް ކުރައްވާ ކުރެއްވި ޓްވީޓުގައި ވަނީ ޤާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިޚާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2020/3 ގެ 7 ވަނަ މާއްދާ އަވަހަށް އިސްލާޙްކޮށްދެއްވުން އެދޭ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދައްމާލާފައި ވާއިރު، އެ އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ތާރީހެއް އަދި ނޭނގޭކަމަށް ހެލްތު އިމަޖެންސީ އޮޕްރޭޝަންގެ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވާއިރު، އީސީން ވަނީ މި އިންތިހާބު ދެން ބޭއްވޭނީ އެޗްޕީއޭއިން މިކަމަށް އަވަސް ހައްލެއް ހޯދައިދީގެން ކަމަށް ބުނެފައެވެ.
އަދި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން އަމާޒު ހިފާފައިވާއިރު، މިކަމަށް ބޭނުންވާ ބަޖެޓު ހޯދުމަށްވެސް އިލެކްޝަނުން ވަނީ ކަމާގުޅުންހުރި އިދާރާތަކުގައި އެދިފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މި މަހުގެ 16 ވަނަ ދުވަހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް އެޑިޔުކޭޝަން މިނިސްޓްރީގެ ގިނަ ވަސީލަތްތަކެއް ބޭނުން ކުރަމުން އަންނަ އިރު، މާރޗު މަހުގެ 6 ވަނަ ދުވަހު އިންތިހާބު ބާއްވާނަމަ ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށެވެ. އެގޮތުން، އެކަޑެމިކް ކަލަންޑަރަށް ބަލާލާއިރު 6 މާރޗަށްފަހު ޖެހިގެން އަންނަ ހަފްތާއަކީ މިޑްޓަރމް ބްރޭކްގެ ހަފްތާއަށް ވުމުން އިލެކްޝަނުން މަސައްކަތް ކުރަމުން އަންނަނީ މާރޗު މަހުގެ 6 ވަނަ ދުވަހުގެ ބަދަލުގައި 13 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.