ވ. ރަކީދޫ ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި މައްސަލަައިގެ ތުހުމަތު ކުރެވޭ އޭނާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ހުކުމް ކުރަން ބާއްވާ ޝަރީއަތް ހޯމަ ދުވަހުގެ 13:00އަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
މި މައްސަލައިގައި މިދިއަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ދައުވާލިބޭ އާފިޔާގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ. އޭގެކުރިންވެސް އާފިޔާ ވަނީ ގާނޫނީ ވަކީލާ ނުލާ ހުލާސާ ބަޔާން ހުށަހަޅާފަ އެވެ. ނަމަވެސް ފަހުން އާފިޔާ އެދުމުގެ މަތިން ގާނޫނީ ވަކީލަކާއެކު ހުލާސާ ބަޔާން ހުށަހެޅުމުގެ އިތުރު ފުރުސަތެއް ގާޒީ ވަނީ ދެއްވާފަ އެވެ. އެގޮތުން މިދިިއަ ހަފްތާގެ ބުރާސްފަތި ދުވަހު އާފިޔާގެ ފަރާތުން އޭނާގެ ވަކީލު ވަނީ ހުލާސާ ބަޔާން ހުށަހެޅުމާއެކު، ގާޒީ ވަނީ ޑިސެމްބަރު 28 ވަނަ ދުވަހު މިމައްސަލާގައި ހުކުމް ކުރުމުގެ ޝަރީއަތް ބޭއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ދަޢުލަތުގެ ފަރާތުން އާފިޔާގެ މައްޗަށް ކުރަނީ ދެ ދައުވާ އެކެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެކެވެ. މި ދެ ދައުވާ އަށް އާފިޔާ އިއުތިރާފްވެ ކަން ހިނގި ގޮތް ޝަރީއަތުގެ މަޖިލިހުގައި ކިޔައި ދިން އިރު، ފަހުން ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އޭނާ ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.
މި މައްސަލައިގެ ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ މި މައްސަލައިގައި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްފައެވެ. އަދި ޤާނޫނޫލް އުޤޫބާތުގެ 1205 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ހައްދު ތަންފީޒު ކުރުމަށް ބަލާ މިންގަނޑުގައިވެސް ހެކި އެބަހުރި ކަމަށާއި، ވީމާ އާފިޔާއަށް އެ ޤާނޫނުތަކުގެ ދަށުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ޤަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިޙާލުގެ ފުރާނަ ގޮސްފައިވާތީ ކަމަށާއި، އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އެކި ފަހަރުމަތިން އިބްތިޙާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ ޢަމަލުކޮށްފައިވާތީ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
އިބްތިހާލު މަރުވެފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިބްތިހާލުގެ މަންމަ އާފިއާ މުހައްމަދު ވަނީ އިބްތިހާލަށް އަނިޔާ ކޮށްފައިވާ ކަމަށާއި އިބްތިހާލު މާރާލާފައިވާ ކަމަށް ބުނެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފްވެފަ އެވެ. ނަމަވެސް ޝަރީއަތް ދިގުލައިގެން ދިޔައީ އާފިޔާގެ އިއުތިރާފް އަނބުރާ ގެންގޮސް، ކުށަށް އިންކާރު ކުރުމާއި ގުޅިގެންނެވެ.