ހޯމަ ދުވަހުން ފެށިގެން ބޭރު ގައުމުތަކުގެ ރައްޔިތުން ޖަޕާނަށް ދިއުން މަނާކުރަން ނިންމާފައިވާކަމަށް އެގައުމުގެ ފޮރިންގ މިނިސްޓްރީން ހާމަކޮށްފިއެެވެ.
ޖަޕާނުގެ ފޮރިންގ މިނިސްޓްރީން ބުނީ ޖެނުއަރީ 31 އާއި ހަމަ އަށް އެގައުމަށް ބޭރު ގައުމުތަކުގެ ރައްޔިތުން ދިއުން މަނާކުރުމަށް ނިންމާފައިވަނީ ކޮވިޑް-19ގެ އާ ވޭރިއަންޓްގެ ސަބަބުން ކަމަށެވެ.
ނަމަވެސް ޖަޕާނުގެ ރައްޔިތުންނަށާއި އެގައުމުގައި ދިރިއުޅޭ ބޭރުގެ ރައްޔިތުންނަށް 14 ދުވަހު ކަރަންޓީނު ވާގޮތަށް އެގައުމަށް ދެވޭނެއެވެ. ދެ ހަފްތާ ގޭގައި އައިސޮލޭޓް ވުމުގެ އިތުރުން 72 ގަޑީއިރުގެ ޕީސީއާރް ނެގެޓިވް ނަތީޖާ އޮންނަން ޖެހެއެވެ.
ޖަޕާނުގެ ހަ މީހެއްގެ ގައިން ކޮވިޑް-19 އާ ވޭރިއަންޓް ފެނިފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު އެ ހަމީހުންގެ ތެރެއިން ފަސް މީހުންނަކީ އިނގިރޭސިވިލާތަށް ޒިޔާރަތްކުރި މީހުންނެވެ. އެ ގައުމުން ބުނީ ހަވަނަ މީހާ އިނގިރޭސިވިލާތަށް ގޮސްފައި ނުވާކަމަށެވެ.
ޖަޕާނުން މި ފިޔަވަޅު އަޅަން ނިންމާފައިވާއިރު ޖުމްލަ 40 ގައުމަކުން އިނގިރޭސިވިލާތާއި ދެމެދު ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައެވެ. ޖަޕާނުގެ އިތުރުން ޑެންމާކް، ފްރާންސް، އޮސްޓްރޭލިއާ އަދި ނެދަލެންޑްސް ގެ އިތުރުން އިތުރު އެހެން ގައުމުތަކުންވެސް މި ވޭރިއަންޓް ފެނިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އިނގިރޭސިވިލާތުން މި އައު ސްޓްރެއިން ދިރާސާކުރަމުން އަންނައިރު އެކަމުގެ މައުލޫމާތު ޑަބްލިޔުއެޗްއޯއާ ހިއްސާކުރަމުން އަންނަ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި މި ސްޓްރެއިންގެ މައުލޫމާތު މެމްބަރު ގައުމުތަކަށާއި އާންމުންނަށް ފޯރުކޮށްދެމުން ގެންދާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
