އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ވިސްނާ" ނަމުގައި ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވައިފިއެވެ.
މަސްވެރިންނާއި، ދަނޑުވެރިންނާއި، ޓެކްސީ ޑްރައިވަރުން އަދި ޒުވާނުންނާއި ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި މި ޖަލްސާގައި ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ އިސްވެރިން ވަނީ ވާހަކަދައްކާފައެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކާފައެވެ. މީގެ އިތުރުން އަދުރޭ ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވީ ސާބިތުކަމާއެކު ކަމަށް ވިދާޅުވެ، ރައްޔިތުންގެ ހައްގުގައި ކިތަންމެ ދުވަހެއް ވަންދެން ޖަލުގައި އޮންނަވަން ޖެހުނަސް ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ.
ޖަލްސާގައި ވާހަކަ ދައްކަމުން ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ މި ސަރުކާރުން ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތަށް ފާޑު ވިދާޅުވެ، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއްވެސް ރައްދުކޮށްފައެވެ.
ޖަމީލް ވިދާޅުވީ އިންތިގާލީ އިންސާފުގެ ބިލް މި ސަރުކާރުން ވަކި ބަޔަކަށް އަމާޒުކުރި ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި އެ ބިލް ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަަމަށެވެ. އެގޮތުން އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒު ވެއްޖެނަމަ ރައީސް ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް ކާމިޔާބު ނުވާނެ ހުރިހާ މަގެއް ބަންދުކޮށް، ޕީޕީއެމް އިން ކައުންސިލް އިންތިހާބުގެ އަގުލަބިއްޔަތު ހޯދަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ގައްސާން ވަނީ އެމްޑީޕީގެ ރަށްވެހި ފަތިހުގެ ޝިއާރާއެކު ކައުންސިލް އިންތިހާބުގައި ވާދަކުރާ އެ ޕާޓީގެ ކެނޑިޑޭޓަކު އިންތިހާބު ކާމިޔާބުކޮށްފިނަމަ ގައުމު ފެއިލް ވާނެ ކަމަށް ވިދާޅުވެފައެވެ.