މީގެ 16 އަހަރުކުރިން ރާއްޖެ ތަޖުރިބާކުރި ސުނާމީ ކާރިސާއެކޭ އެއްފަދައިން މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ހާލަތުގައިވެސް ދިވެހި ރައްޔިތުން ނަމޫނާ ދައްކަމުންދާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަހުރޭ ޖުމްހޫރީ މައިދާނުގައި ބޭއްްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުންގެ ފަރާތުން ވިދާބަބުޅާލި ރިވެތި ސިފަތަކަކީ މިގައުމު ފަހުރުވެރިވާފަ ސިފަތަކެއް ކަމަށާއި އެއީ އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން އަޅުގަނޑުމެންނަށް ވާރުތަވި ވަރަށް ރިވެތި ސިފަތަކެއް ކަމަށެވެ.
އިމްރާން ވިދާޅުވީ މީގެ 16 އަހަރުކުރިން ރާއްޖެ ތަޖުރިބާކުރި ސުނާމީ ކާރިސާގެ ވާހަކަތަކާއި އެދުވަހު ދިވެހިން ރައްޔިތުން ދެއްކި އެކަކު އަނެކަކަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އޯގާތެރިކަމަކީ މިއަދުގެ ދަރިވަރުންނަށް ސުކޫލްތަކުގައި އުގަންނައިދޭންޖެހޭ ކަމެއްކަމަށެވެ.
މީގެއިތުރުން އިމްރާން ވިދާޅުވީ، 2004 ވަނަ އަހަރު ރާއްޖެ ތަޖުރިބާކުރި ސުނާމީ ކާރިސާއެކޭ އެއްފަދައިން މިހާރު ރާއްޖެ އަދި މުޅި ދުނިޔެ ތަޖުރިބާކުރަމުންދާ ކޮވިޑް-19ގެ ހާލަކީ ވެސް ހިތްދަތި ކަންތައްތަކެއް ކުރިމަތިވި، ހާލަތެއް ކަމަށެވެ. އަދިވެސް ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުން ދުނިޔެ އަރައިގަނެވިފައިނުވާއިރު، ރާއްޖޭގެ ހާލަތުވެސް ވަރަށް ނާޒުކުވެގެންދިޔަކަން އިމްރާން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އިގްތިޞާދު ދުވަހަކު ދަށަށް ނުދާވަރަށް ދަށަށްގޮސް، ރާއްޖެއަށް އާމްދަނީ ލިބެންހުރި ދޮރުތައްބަންދުވިއިރު، އިގްތިޞާދީ ހަރަކާތް ހިންގުމަށާއި އިގްތިޞާދު އަލުން އަނބުރާ ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ސަރުކާރުގެ އިސްވެރިން ކުރެއްވި ބުރަ މަސައްކަތް އިމްރާން ފާހަގަކުރައްވާފައެވެ.
ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ ހިދްމަތް ހާއްސަ ގޮތެއްގައި މިނިސްޓަރު އިމްރާން ފާހަގަ ކުރެއްވިއެވެ. އަދި ސިއްހީ ހިދްމަތްތެރިންގެ އިތުރުން ދިވެހި ސިފައިންނާއި ފުލުހުން، ދިވެހި ރެޑްކްރެސެންޓާއި ސްކައުޓާއި ގާލްގައިޑް އެސޯސިއޭޝަން އަދި ކަމާބެހޭ އެންމެހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ. ހާއްސަ ގޮތެއްގައި މާލެ ސަރަހައްދު ލޮކްޑައުންކުރުމާއި ގުޅިގެން ދިމާވި ދަތި އުނދަގޫ ކަންތައްތަކުން އަރައިގަތުމަށް ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން ފެނިގެންދިޔަ އެއްބާރުލުމާއި އެއްބައިވަންތަކަމަކީ ސުނާމީ ކާރިސާގައި ވެސް ދިވެހިން ދެއްކި ނަމޫނާކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. ދިވެހި ރައްޔިތުންގެ ކިބައިން ސަރުކާރަށް އެއްބާރުންލުންދީ، ސިއްހީ ހިދްމަތްތެރިން ދެއްވާ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓާފައިވާތީ އެކަން ވެސް ހާއްސަ ގޮތެއްގައި ހޯމް މިނިސްޓަރު އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.