އައްޑޫ ސިޓީގައި ހުރި ސަރުކާރުގެ އިދާރާތަކާއި، ސްކޫލުތަކާއި، މަތީތަޢުލީމު ދޭ މަރުކަޒުތަކާއި އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުން ފާހަގަ ކުރި ކަންބޮޑުވުންތައް، ކަމާ ގުޅުންހުރި ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް ގެނެސް އެ ވުޒާރާތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
މި މަހުގެ 19 އިން 24 އަށް އެޗްއާރުސީއެމްގެ މެންބަރުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރަށްފަހު، އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީއަށް ކުރި ޒިޔާރަތަކީ، އެ ސިޓީގައި ގާއިމުކޮށްފައިވާ ހިއުމަން ރައިޓްސް ކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އަދި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރި ޒިޔާރަތެއް ކަމަށެވެ. މި ޒިޔާރަތުގައި ކޮމިޝަނުން ވަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ސ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރާއި އައްޑޫ ޕޮލިސް ސްޓޭޝަންތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކުގައި ކޮންމެ މުއައްސަސާއަކާއެކު ކުރެވުނު މަޝްވަރާތަކުގައި އެ މުއައްސަސާތަކާ އެޗްއާރުސީއެމް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން އަދި މަސައްކަތްތައް ކުރުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
އެޗްއާރުސީއެމްގެ މެންބަރުން އައްޑޫ ސިޓީއަށް ކުރި ދަތުރަށްފަހު، އައްޑު ސިޓީގެ ކުޑަކުދިންނާއި، އަންހެނުންނާއި، އަދި އުމުރުން ދުވަސްވީ މީހުންގެ ހާލަތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ޖެންޑަރ މިނިސްޓަރ އާއި ބައްދަލުކޮށް ހިއްސާކޮށްފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓުގައި ވެއެވެ.
އެޗްއާރުސީއެމްގެ މެންބަރުން އައްޑޫ ސިޓީއަށް ކުރި ޒިޔާރަތުގައި ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށް ކުރި އެރުވުމަށް ކުރެވިދާނެ ގިނަ ކަންކަން ފާހަގަކޮށްފައިވާއިރު، އެ ސިޓީގައި ހުރި ސަރުކާރުގެ އިދާރާތަކާއި، ސްކޫލުތަކާއި، މަތީތަޢުލީމުދޭ މަރުކަޒުތަކާއި އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުން ފާހަގަ ކުރި ކަންބޮޑުވުންތައް، ކަމާ ގުޅުންހުރި ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް ގެނެސް އެ ވުޒާރާތަކަށް ހުށަހެޅުންތަކެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް އެޗްއާރުސީއެމްގެ ޓްވީޓުގައި ބުނެފައުވެއެވެ.