ރާއްޖެއަށް ކޮވިޑް-19 ވެކްސިން ގެނައުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރު ޖެނެރަލް އަދި ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިއާ ރީޖަންގެ ޑިރެކްޓަރ ޖެނެރަލްއާއި ބައްދަލު ކުރެއްވުމާ ގުޅިގެން އެ ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ޝުކުރުު އަދާކޮށްފިއެވެ.
ޓެޑްރޯސް ވިދާޅުވީ ރައްކާތެރިކަމާއި އެކު ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ދިނުމާއި ކޮވިޑް-19 ހުއްޓުވުމަށް ދިވެހިރާއްޖެއިން ކުރަމުން ގެންދާ މަސައްކަތާއި އެ ޖަމިއްޔާއަށް ދެމުން ގެންދާ އެއްބާރުލުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ކޮވިޑް-19 އަށް ވެކްސިން ހޯދުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން މިހާރު ކޮވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ހުށައެޅި ހުށައެޅުން ރަސްމީކޮށް ޑަބްލިޔުއެޗްއޯއިން ވަނީ ގަބޫލުކޮށްފައެވެ.
ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ލިބޭނީ އާބާދީގެ ދެ ލައްކަ މީހުންނަށްކަމަށް "ރާއްޖެއެމްވީ" އަށް އިތުބާރުކުރެވޭ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބޭ ވެކްސިނެއްގެ ހަތަރު ލައްކަ ޑޯޒް ލިބޭނެއެވެ. ވެކްސިން ރާއްޖެ ގެނައުމުގައި ލަސްތަކެއް ވަނީ ވެކްސިން ރައްކާކޮށްފައި ބަހައްޓާނެ ތަންތަނާ މެދު އަދި ގޮތެއް ނުނިންމޭތީ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އަދި 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީގެ ޗެއަރޕަރސަން އޮފް ސްޓިއަރިންގް ކޮމިޓީ ފޯރ ކޮވިޑް ވެކްސިން، ޑރ. ޝާހު އަބްދުﷲ މާހިރު ލަފާކޮށްފައިވެއެވެ.