ކޮވިޑް-19 ގެ މިކާރިސާއަކީ މުޅި ދުނިޔެ ފަނާ ކުރަމުންދާ ސުނާމީއެއް ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ އެދުވަހަކީ ތާރީހުގައިވެސް ދިވެހިން އެންމެ ބޮޑަށް އެއްބައިވަންތަވީ ދުވަސްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެދުވަސް ވަރަށް ގާތުން ފެނުނު ކަމަށާއި އެދަހު ދިވެހިރައްޔިތުންގެ ލޮލުން އޮހޮރުނު ކަރުނަ ދުށްކަމަށެވެ. އެގޮތުން އެދުވަހު ލިބުނު ގެއްލުން މިނިސްޓަރ ސިފަކުރެއްވީ ހަނގުރާމައިގެ މައިދާނެއްގައި ލިބޭފަދަ ގެއްލުންތަކެއް ފަދައިންނެވެ.
އެ ރާޅު ދިވެހިރާއްޖެއަށް ދިން ގެއްލުން ދާދި ގާތުން ދުށުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. އެ ގެއްލުުގައި ހަނގުރާމައެއްގެ މައިދާނުގައި ލިބިފައިވާ ގެއްލުންތަކެއް ފަދައިން އަޅުގަނޑުމެންގެ ގެދޮރާ، އަޅުގަނޑުމެންގެ ބިނާތައް ފުނޑުފުނޑުވެ، ރަށްތައް ގޮވާފައި ހުއްޓާ އަޅުގަނޑު ދުށިން.މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެ ހިތްދަތިކަމާ، ނުރައްކާތެރި ކަމުން އަރައިގަތުމުގައި ދިވެހިރާއްޖެ ހޯދީ ކާމިޔާބީވެސް ނުހަނު ގާތުން ފެނުނުކަމަށެވެ. އަދި އެ ކާމިޔާބީގެ ފަހަތުގައިވާ ހަގީގީ މަސްދަރަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ކަމަށް މިނިސްޓަރގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކައިގައި ދުނިޔެއަށް މިއަދު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމަށް އަލިއަޅުވާލައްވަމުން ވިދާޅުވީ މި ބަލިމަޑުކަމަކީވެސް ސުނާމީއެއް ކަމަށެވެ. ނަމަވެސް ތަފާތަކީ މި ސުނާމީއަކީ ލޮލަށް ފެންނަ ސުނާމީއަކަށް ނުވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު ހަމަލާދެމުން ގެންދާ ސުނާމީއަކީ ކުދިކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖްތަމައުއަށް ހަމަލާ ދެމުންދާ ސުނާމީއެއް. މުޅި ދުނިޔެ ފަނާ ކުރަމުންދާ ސުނާމީއެއް.މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު
މި ނުރައްކާތެރި ވަގުތުގައިވެސް ދިވެހި ރައްޔިތުން ދައްކަމުން ގެންދާ ހިތްވަރަށް ފަހުރުވެރިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ދިފާއީ ބާރުތަކާއި، ރާއްޖޭގެ އަސާސީ ހިދުމަތް ދެމުން ގެންދާ ހުރިހާ ފަރާތްތަކަށް ސެލިއުޓް ކުރައްވާކަމަށް ވިދާޅުވެ، މިނިިސްޓަރ ވިދާޅުވީ އެ ފަރާތްތަކުން މުޖްތަމައުގެ ހައްގުގައި އެކުރައްވަނީ ޖިހާދެއް ކަމަށެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ދިވެހިރާއްޖެއަށް ބޭރުގެ ރަހުމަތްތެރިން ކޮށްދެއްވަމުން ގެންދަވާ އެންމެހާ ކަންކަމަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ވަގުތެއްގައިވެސް އެ ބޭފުޅުން ރާއްޖެއަށް ކޮށްދެއްވަމުން ގެންދަވާ އެންމެހާ ކަންކަން ބަލައިގަނެ އެ އެހީތައް އުފަލާއެކު ގަބޫލުކުރައްވާ ކަމަށެވެ.