އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ނިމުމަކާ ގާތްވެފައިވަނިކޮށް ޓްރަމްޕްގެ ސަރުކާރުން ސައުދީ އަރަބިއްޔާއަށް 500 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ހަތިޔާރު ދިނުމުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން މީގެ ކުރިން ސައުދީ އަރައްބިޔާއާއި އެމެރިކާއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދިނުމަށް ނިންމާފައިވާ ހަތިޔާރު ތަކެކެވެ. އެގޮތުން ޖުމްލަ 478 މިލިއަން ޑޮލަރުގެ އަގަށް ވާވަރަށް އެމެރިކާއިން ސައުދީއަށް ހަރިޔާރު ދޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިކަމުގެ މަޝްވަރާތައް 2019 ވަނަ އަހަރުގެ ކުރީކޮޅު އެމެރިކާއިން ފަށާފައި ވީނަމަވެސް އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މީޑިއާއަށް ސިއްރުންނެވެ.
މި ހަތިޔާރުތައް ދިނުމުގެ މަޝްވަރާ ކުރެވެމުން ދާއިރު އެމެރިކާއިން މަސައްކަތް ކުރަމުންދަނީ އެގައުމުގެ ހަތިޔާރު އުފައްދާ ކުންފުންޏަކަށް ސައުދީއަށް ހަތިޔާރު ވިއްކުމުގެ ލައިސެންސް ދިނުމަށެވެ. ލައިސެންސް ލިބުމާއެކު އެ ކުންފުނި މެދުވެރިކޮށް ސީދާ ސައުދީއަށް ހަތިޔާރުތައް ދެވޭނެ މަގު ފަހިވެގެން ދާނެއެވެ.
އެމެރިކާއާއި އެކު ގިނަ އަރަބި ގައުމުތަކުން އަންނަނީ މުއާހަދާތައް ގާއިމް ކުރަމުންނެވެ. އެގޮތުން ބައެއް މުއާހަދާތަކުގެ ދަށުން ބައެއް އަރަބި ގައުމުތަކުން މިހާރު އަންނަނީ އިޒްރޭލާއެކު އަލުން ގުޅުންތައް ގާއިމް ކުރަމުންނެވެ. މީގެ ސަބަބުން ބައެއް މުސްލިމް ގައުމުތަކުގެ ފާޑު ކިއުން ބައެއް އަރަބި ގައުމުތަކަށް ދަނީ އަމާޒުވަމުންނެވެ.