ރާއްޖޭގައި ބުރާސަފަތި ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 21 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި، ބުދަ ދުވަހުގެ 18:00 ން ބުރާސްފަތި ދުވަހުގެ 18:00 އާ ހަމައަށް 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 2،562 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ޕޮޒިޓިވްވި 21 މީހުންގެ ތެރެއިން 12 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށާއި، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރިސޯޓުތަކުން ފަސް މީހަކު ޕޮޒިވްވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މީގެއިތުރުން އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 28 މީހަކު ބުރާސްފަތި ދުވަހު ވަނީ ރަނގަޅުވެފައެވެ. އަދި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު އުޅެނީ 492 ކޭހެވެ. އަދި 37 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 13،558 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ޕޮޒިޓިވްވި 48 މީހަކު ވަނީ ނިޔާވެފައެވެ.
މިދުވަސްވަރު، ކޮވިޑް-19 ގެ ކޭސްތައް މަދުވުމާއި ގުޅިގެން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން އަންނަނީ ބޮޑެތި ލުއިތަކެއް ދެމުންނެއެވެ. ނަމަވެސް ބަލި ކުއްލިއަކަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އޮތުމާއެކު ލުއިތައް ދިން ނަމަވެސް، އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ހާއްސަކޮށް މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވަނީ އިލްތިމާސްކޮށްފައެވެ.