ކުޑަކުދިންގެ އަދުލުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2019/18) އަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ ޑިސެމްބަރު މަހުގެ ހަތެއްވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
ބުރާސްފަތި ދުވަހު ތަސްތީގުކުރި މި ބިލުން ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް ވަނީ ވަރަށް ގިނަ އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން މި ބިލު ރައީސް ތަސްތީގުކުރެއްވުމާ ގުޅިގެން މި ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ.
ހަމައެއާއެކު، މި އިސްލާހުގެ ދަށުން ޝަރީއަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ހާލަތުގައި ޕްރޮބޭޝަނުގައި ދޫކުރެވޭ ކުދިން މޮނިޓަރ ކުރުމާއި، އެ ކުދިން ޕްރޮބޭޝަނުގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މައުލޫމާތުތައް އެއްކޮށް، އެ މައުލޫމާތުތައް ޝަރީއަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނެވެ.
މީގެ އިތުރުން ޕްރޮބޭޝަނުގައި ތިބޭ ކުދިން މޮނިޓަރ ކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޛީ އިދާރާތަކުގެ އެހީތެރިކަން ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނަށް ލިބިދޭންޖެހޭނެއެވެ. އަދި މި ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ދައުވާ އުފުލުމާ މެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، ޕްރޮސެކިއުޓަރ ޖެނެރަލުގެ އޮފީހުން އެކުލަވާލަންވާނެ ކަމަށްވެސް މި ޤާނޫނަށް ގެނައި އިސްލާހުގައިވެއެވެ.
މަޖިލީހުން މި ބިލު ފާސްކޮށްފައިވާ ގޮތަށް ބަލާއިރު ކުޑަކުއްޖަކީ ކުރިންވެސް ކުށެއް ސާބިތުވެފައިވާ ކުއްޖެއްނަމަ އެކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުއްޖާގެ ކުށުގެ ރިކޯޑަށާއި، ވަށައިގެންވާ އެންމެހާ ހާލަތްތަކަށް ކުއްޖާގެ އިޖުތިމާއީ ހާލަތު އަންގައިދޭ ރިޕޯޓު ރިއާއަތްކުރުމަށްފަހު، ކުއްޖާގެ މައްޗަށް ބަޔާންކުރާ އަދަދު އެ ކުށަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބުގެ ފުރިހަމަ މިންވަރު ކަނޑައެޅުމުގެ އިޚުތިޔާރު ގާޟީއަށް ލިބިގެންވެއެވެ.
އަދި ކުށަކަށް ދެވޭ އެންމެ ކުޑަ އަދަދު ޤާނޫނުގައި ކަނޑައެޅިފައިނުވާނަމަ، އެކުއްޖެއްގެ މައްޗަށް ކަނޑައަޅަންވާނީ އެކުށަކަށް ކަނޑައަޅާފައިވާ އަދަބެއްގެ ތިން ބައިކުޅަ ދެ ބައަށްވުރެ ބޮޑުނުވާ އަދަދެކެވެ. އެފަދައިން އަދަބު ކަނޑައެޅުމުގައި އެ ކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަ ބޮޑުމިނާއި ކުއްޖާގެ ކުށުގެ ރިކޯޑާއި ވަށައިގެންވާ އެންމެހައި ހާލަތްތަކަށާއި، ކުއްޖާގެ އިޖުތިމާއީ ހާލަތު އަންގައިދޭ ރިޕޯޓަށް ރިއާޔަތްކުރަންވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ކުއްޖާގެ އިޖުތުމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހިއްސާކުރަންވާނީ ކުއްޖާ އާއި އޭނާގެ ބެލެނިވެރިންނާއި ކުއްޖާގެ މައްސަލަ ބަލާ ކޯޓު އަދި ޕްރޮސެކިއުޓަރ ޖެނެރަލުގެ އޮފީހާއި، ފުލުހުންނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަނުގެ އޮފީސް ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން އުމުރުން 18 އަހަރުވުމަށްފަހު، އުމުރުން 18 އަހަރު ވުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ޝަރީއަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން މައްސަލައެއް ތަހުގީގުކުރަންވާނީ އަދި މައްސަލައަކާއި ގުޅިގެން ކުއްޖަކާ ސުވާލުކުރަންވާނީ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތުގެ ހާޒިރުގައި ކަމަށްވެސް ބިލުގައި ބުނެއެވެ. އަދި އެއިން ފަރާތެއް ހާޒިރުވެވެން ނެތް ހާލަތްތަކުގައި ޑިޕާޓުމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ކަމާ ބެހޭ އޮފިސަރެއްގެ ހާޒިރުގައި ސުވާލުކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުންވެސް މި ޤާނޫނު އިތުރަށް ފުރިހަމަ ކުރުމަށް ވަނީ މުހިންމު ގިނަ އިސްލާހުތަކެއް ގެނެސްފައެވެ.
މި ބިލު ތަސްދީގުކުރުމާ ގުޅިގެން، ބުރާސްފަތި ދުވަހު މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އަދި މި ޤާނޫނަށް އަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެންނެވެ.