ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕް 2021/2022 ކުރިިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕާއި ގުޅޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންނާއި ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މާސްޓަރސް 2 ކޯހަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ޗައިނާގައެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި، 15 ފެބްރުވަރީ 2021 ގެ ނިޔަލަށް އުމުރުން 35 އަހަރުވެފައިނުވާ މީހަކަށް ވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން ތައުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު، ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު އަދި ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ ކެންޑިޑޭޓުން ކިޔަވަންދާން ކަނޑައެޅޭ ޔުނިވަރސިޓީއެއް އެނގޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން ޕްލޭސްމަންޓް ހަމަޖެހުމުން ކަމަށެވެ. އަދި މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ޔުނިވަރސިޓީ ގެ ފަރާތުން ކަމަށެވެ.
ޕްލޭސްމަންޓް ލިބޭ ޔުނިވަރސިޓީގެ ގޮތުން ބައެއް ފަހަރު މުޅި ކޯސް ޗައިނީޒް ބަހުންވެސް ކުރިއަށް ގެންދަން ޖެހިދާނެ ކަމަށާއި، ޗައިނީޒް ބަހުން ކޯސް ފުރިހަމަ ކުރައްވަން ޖެހޭކަމުގައިވަނީނަމަ 1 ނުވަތަ 2 އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރަންޖެހިދާނެ ކަަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ ކޯހަށް ކުރިމަތިލުމަށް 2021 ޖެނުވަރީ 20 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭ ކަމަށެވެ. އެޕްލިކޭޝަން ހުށަހަޅާނީhttps://myedu.egov.mvޕޯޓަލް މެދުވެރިކޮށް ކަމަށެވެ.