ކ. މާލެ
|
24 ޑިސެންބަރ 2020 | ބުރާސްފަތި 15:11
މާލެ ސިޓީގެ މޭޔަރު ސިފާ މުޙައްމަދު
މާލެ ސިޓީގެ މޭޔަރު ސިފާ މުޙައްމަދު
ރާއްޖެއެމްވީ
މާލޭގެ ކުނި މެނޭޖްކުރުން
ސިޓީ ކައުންސިލުން ބޭނުންވަނީ މާލޭގެ މަގުތަކަށް ފަތިސް ވަގުތު މީހުން ނުކުންނައިރު ސާފުކޮށް ފެންނަން - މޭޔަރު
ޖެނުއަރީ 10 ގައި ސްކޫލުތައް ހުޅުވުމުގެ ކުރިން އެކަމަށް ހާއްސަ ތައްޔާރީތަކެއް ވާން ޖެހޭ

މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ މާލޭގެ މަގުތަކަށް ފަތިސް ވަގުތު މީހުން ނުކުންނަ އިރު ސާފުކޮށް އޮތުން ކަމަށް މާލެ ސިޓީގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ސިފާ ވިދާޅުވީ ސިޓީ ކައުންސިލުން އަބަދުވެސް އެދެނީ މުޅި މާލެ ސިޓީ އަބަދުވެސް ސާފުކޮށް އޮތުން ކަމަށެވެ.

އެކަން ހާސިލް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ފާހަގަ ކުރައްވާ ސިފާ ވިދާޅުވީ ސިޓީ ކައުންސިލުން ހިތްހަމަޖެހޭ ހިސާބަކަށް އަދި ނުދެވޭކަމަށާއި އެހާ ހިސާބަށް ދިއުމަށްޓަކައި އިތުރު ވަގުތު އަދި ބޭނުންވާ ކަމަށެވެ. އަދި މިކަންކަމަށް މީހުން ހޭލުންތެރި ކުރުވާ އަހުލުވެރި ކުރުވުމުގެ ގޮތުން ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަން ސިފާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މޭޔަރު ސިފާ ވިދާޅުވީ ކޮވިޑް-19ގެ މި ހާލަތާއި ގުޅިގެން ސްކޫލްތައް ބަންދު ކުރުމާއެކު ހަވީރު ކުނިނެގުމުގެ މަސައްކަތް ފަސޭހަކަމާއި އެކު ކުރެވުނު ނަމަވެސް ސްކޫލުތައް އަލުން ހުޅުވިގެން ދިއުމާއެކު ކުނި ނަގަން އުނދަގޫ ވާނެކަމަށެވެ. މިހާރުވެސް މަގުތައް ތޮއްޖެހިފައިވާ ކަމަށް ވިދާޅުވެ، ސިފާ ވިދާޅުވީ ޖެނުއަރީ 10 ގައި ސްކޫލުތައް ހުޅުވުމުގެ ކުރިން އެކަމަށް ހާއްސަ ތައްޔާރީތަކެއް ވާން ޖެހޭ ކަމަށެވެ.

ވުމާއެކު ރޭގަނޑު ގަޑިއަށް ކުނި ނެގުން ބަދަލު ކުރަން ނިންމާފައިވާކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. މިކަމުގައި ވެސް ދަތިތަކެއް ހުންނާނެކަން ފާހަގަ ކުރައްވާ ސިފާ ވިދާޅުވީ އުނދަގޫ ތަކެއް ހުރިނަމަވެސް މި ބަދަލާއެކު ގިނަ ބަޔަކަށް ފަސޭހަ ވެގެން ދާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

- ކޮމެންޓް