ރާއްޖޭގައި ދުވާލެއްގެ މައްޗަށް ނަގުދު ފައިސާ ނެގޭ މިންވަރު 200،000 ރުފިޔާއަށް ހިފެހެއްޓުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމުމުން ބޭންކް އޮފް މޯލްޑިވްސް އެގޮތަށް ކަނޑައަޅައިފިއެވެ.
ބީއެމްއެލްއިން ބުނީ މިގޮތަށް ނިންމީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްތައް ކުރިއަށް ގެންދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށާއި މިބަދަލު ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ގެންނާނެ ކަމަށެވެ.
މިބަދަލު ގެނައުމަށްފަހު އެމްއެމްއޭއިން ބުނީ ނަގުދު ފައިސާ ބޭނުންކުރުމުން ވިޔަފާރިތަކަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރެވި މަދުކުރެވޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. މިއީ ޑިޖިޓަލް އަދި އިލެކްޓްރޯނިކް މުއާމަލާތްތައް އިތުރުކުރުމަށް ހިތްވަރު ލިބޭނެ ބަދަލަކަށްވާނެ ކަމުގައިވެސް އެމްއެމްއޭއިން ބުނެއެވެ.
މިހާތަނަށް ރާއްޖޭގައި ދުވާލެއްގެ މައްޗަށް ނަގުދު ފައިސާ ނެގޭނެ ވަކި މިންވަރެއް އެމްއެމްއޭއިން ކަނޑައަޅާފައެއް ނޯވެ އެވެ. އެހެންނަމަވެސް ވަކި ވަކި ބޭންކުތަކުން ވަކި އަދަދުތަކަށް ލިމިޓެއް ގެންގުޅެމުންގޮސްފައިވެ އެވެ.
މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ނަގުދު ފައިސާ ނެގޭނެ މިންވަރު ކަމުގައި ހަމަޖައްސާފައިވާ 200،000 ރުފިޔާގެ ސަބަބުން ބޮޑެތި އަދަދުތަަކުން ފައިސާ އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ތެރެއިން ދިމާވާ ކަންކަން ހައްލުވެގެންދާނެ އެވެ.