އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 23 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 ން ބުދަ ދުވަހުގެ އިރުއޮއްސި 6:00 ށް 2455 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 13 މީހަކު ކަމަށްވެސް ވަނީ ބުނެފައެވެ.
އެއީ މާލެ ސަރަހައްދުން ހަތް މީހަކާއި، ރިސޯޓުތަކުން ފަސް މީހަކު އަދި އަތޮޅުތެރޭގެ ރަށަކުން އެކަކު ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ 39 މީހަކަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، މި ވަގުތަށް ރާއްޖޭގައި 499 އެކްޓިވް ކޭސް ހިމެނޭ ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޖުމްލަ 13،537 މީހަކު ޕޮޒިޓިވް ވެފައިވާއިރު، 12،983 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާތަނަށް ބަލީގައި 48 މީހަކު ވަނީ ނިޔާވެފައެވެ.
ކޮވިޑް-19 ގެ ކޭސްތައް މަދުވުމާއި ގުޅިގެން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން އަންނަނީ ބޮޑެތި ލުއިތަކެއް ދެމުންނެއެވެ. ނަމަވެސް ބަލި ކުއްލިއަކަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އޮތުމާއެކު ލުއިތައް ދިން ނަމަވެސް، އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ހާއްސަކޮށް މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ން ވަނީ އިލްތިމާސްކޮށްފައެވެ.