ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 07:40
މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދު
މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދު
ރާއްޖެއެމްވީ
ތިނަދޫއަށް ކާގޯ ފެރީ ފެށުން
ތިނަދޫ އާއި ޓުޓިކޮރިންނާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމަކީ ސީމަނުންނަށް ލިބޭ ފަހި ފުރުސަތެއް: އެމްޑީ ސައީދު
މި ޚިދުމަތާއިއެކު އައު ވަޒީފާތަކެއް އުފެދިގެންދާނެ
މިއީ މި ސިނާއަތަށް ވެސް ލިބޭ އިތުރު ކުރިއެރުމެއް

ގދ.ތިނަދޫ އާއި ޓުޓިކޮރިންނާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށިގެން ދިއުމަކީ ބޯޓު ދަތުރު ކުރަންދާން ބޭނުންވާ ސީމަނުންނަށް ލިބޭ ފަހި ފުރުސަތެއް ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ތިނަދޫ އާއި އިންޑިއާގެ ޓުޓިކޮރިންނާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ބޯޓުތަކުގެ ފަޅުވެރިންގެ ގޮތުގައި ދިވެހީންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ފެރީގެ ސަބަބުން ދަތުރުކުރަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފަހި ފުރުސަތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ މިޚިދުމަތަކާއިއެކު އައު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށާއި މިއީ މި ސިނާއަތަށް ވެސް ލިބޭ އިތުރު ކުރިއެރުމެއް ކަަމަށެވެ. އަދި ޚާއްސަކޮށް މިއީ ޒުވާން ވިޔަފާރިވެރިންނަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދަތުރުކުރާ މީހުން، މިކަމަށް ޝައުގުހުރި މީހުން. ދެން އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުމެންގެ ބޯޓު ފަހަރުގެ ދިވެހީން ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރާނެ ކަަމަށް. އަޅުގަނޑުމެންގެ ދަތުރުތައް ރޭވިފައިވާ ގޮތުުން މިއޮތީ ކޮންމެ 20 ދުވަހަކުން މިހިސާބަށް ދަތުރެއް ކުރެވޭ ގޮތަށް. އެހެން އިބާރާތަކުން ދަންނަވާނަމަ މަހަކު އެއްފަހަރު ރަށަށް އާދެވޭނެ. މިބޯޓުގައި މަސައްކަތް ކުރަން ބޭނުންވާ ބޭފުޅުންނަށް، ޖާގަ ލިބިގެންދާ ވަރަކުން އޮފިސަރ ޓްރޭނިންގއަށް ބޭނުންވާ ސީސަރވިސް ހަމަކުރުމަށް ކެޑޭޓުންނަށް ވެސް ފުރުސަތު ވެސް ދޭނަން. އެއީ އުންމީދަކީ.
އެމްއެސްއެސް މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދު

ތިނަދޫ އާއި ޓުޓިކޮރިންނާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށިގެން ދިއުމަކީ ތިނަދޫއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ތިނަދޫ ބަނދަރަކީ ރީޖަނަލް ބަނދަރެއްގެ ގޮތުގައި މިއަދު ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ މިޚިދުމަތާއެކު މުދަލުގެ އަގުހެޔޮވެ، އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ މިއީ ފެށުމެއް. މިއަދު މިބޯޓު ކައިރި ކުރިއިރު 400 އެއްހާ ޓަނުގެ މުދާ މިހުރީ. ނަމަވެސް އަޅުގަނޑު އުންމީދު ކުރަނީ އަދި އަޅުގަނޑު ޔަގީން ކުރަނީ މިބޯޓު ފުރެންދެން ވެސް ތިނަދޫއަށް މުދާ ކައިރި މުސްތަގުބަލެއްގައި އަންނާނެ ކަމަށް. އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަން އެބައޮތް ރާއްޖޭގެ ދެކުނު ވިޔަފާރިތަކަށް މިފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފި މިކަމުގެ ސަބަބުން މިއަތޮޅުތަކަށް މުދާ ގެނެވި އަދި ކުރިން މާލެއިން ގެންނަ މުދަލުގެ ބަދަލުގައި ސީދާ މިއަތޮޅުތަކަށް މުދާ ގެނެވުމުގެ ސަބަބުން އަގުހެޔޮވެގެންދާނެކަން.
އެމްއެސްއެސް މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދު

އެމްއެސްއެސް އިން އިންޑިއާގެ ޓުޓިކޮރިނުން އައްޑޫ އަދި ގދ. ތިނަދުއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމާއެކު ގދ. އަތޮޅުން ލިބެން ހުންނަ ބައެއް މުދަލުގެ އަގުހެޔޮ ވާނެ ކަމަށް އެއަތޮޅުގެ ވިޔަފާރިވެރިން ބުނެއެވެ.

- ކޮމެންޓް