ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 18:50
ތިނަދޫ ސަރަޙައްދީ ބަނދަރު ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުުރުން
ތިނަދޫ ސަރަޙައްދީ ބަނދަރު ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުުރުން
ރާއްޖެއެމްވީ
ތިނަދޫ ސަރަޙައްދީ ބަނދަރު ގާއިމުކުރުން
ތިނަދޫ ސަރަހައްދީ ބަނދަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މި މަޝްރޫއަށް ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން 12 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައި
ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޕީއެލްއިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

ގދ. ތިނަދޫ ސަރަހައްދީ ބަނދަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ބަނދަރުގެ ބިން އެ ރަށުން ކައުންސިލުން ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އާ ހަވާާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ބިން ހަވާލުކޮށްދެއްވީ އެ ރަށު ކައުންސިލް ރައީސް އަލީ އަމްޖަދެވެ. އަދި އެމްޕީއެލްގެ ފަރާތުން ބިމާ ހަވާލުވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.

އެއަށްފަހު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޕީއެލްއިން ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ ސޮއިކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި މި ޕޯޓުގެ ބޭނުން މި ސަރަހައްދުގެ ވިޔަފާރިވެރިން ހިއްޕަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ތިނަދޫ ސަރަހައްދީ ބަނދަރު ގާއިމުކުރުމުގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާއިރު، މި މަޝްރޫއުގެ ދަށުން ކަސްޓަމްސް، އިމިގްރޭޝަން އަދި އެމްޕީއެލްގެ ޚިދުމަތް އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބެލުމަށް ކަމާ ބެހޭ އިދާރާތަކުން މި އަހަރުގެ އޮކްޓޯބަރު މަހު ތިނަދުއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ސަރަހައްދީ ބަނދަރު އެޅުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ މަޝްވަރާއާއެކު ތިނަދޫ ކައުންސިލުން ހަމަޖެއްސި ބިމުގެ ސާވޭއެއް ހެދުމަށް ނޮވެންބަރު މަހު އެމްޕީއެލްގެ ޓީމެއްވެސް ތިނަދޫގައި ހަރަކާތްތެރިވެފައިވެއެވެ.

ބަނދަރު ތަރައްގީކުރުމުގެ މަޝްރޫގެ މަސައްކަތް ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، ކުރިއަށް އޮތް 45 ދުވަސްތެރޭގައި މި މަަސއްކަތް ނިންމާނެ ކަމަށެވެ. އަދި މިއީ ކުޑަ މަސައްކަތެއް ނޫން ކަމަށާއި، އެމްޓީސީސީ މުވައްޒަފުންނަކީ ރާއްޖޭގެ ތަރައްގީގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ މުވައްޒަފުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމްޓީސީސީން މިހާރު މަޝްރޫއެެއް ކުރިއަށް ގެންދިއުމަށް އެ ރަކަށް އަރަނީ ހުރިހާ ވަސީލަތެއް ހިފައިގެން ކަމަށާއި، މި މަސައްކަތް ވީހާވެސް އަވަހަށް ހަވާލުކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ މީގެ ކުރިން އެންމެ ބޮޑު އިގުތިސޯދެއް އޮތް ތިނަދޫ ސުންނާފަތިކުރި ނަމަވެސް، ހުވަދުއަތޮޅަކީ ދެކުނުގެ މުޅި އާބާދީއަށްވާ ވަރަށް އިގުތިސޯދީ ހަރަކާތް ހިންގާ ނަފާ ހޯދޭނެ ސަރަހައްދެއް ކަމަށެވެ. އަދި ހުވަދުއަތޮޅަކީ އިގުތިސޯދީ މުއްސަނދި ރިޒާވެއް އޮތް ބައެއް ކަމަށްވެސް ސަނީފް ވިދާޅުވިއެވެ.

މި މަޝްރޫއަށް ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ސަރަޙައްދީ ތަރައްގީ ގެނައުމުގެ ގޮތުން ހުވަދުއަތޮޅުގައި ފުރަތަމައަށް ކުރެވޭ މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުން ވިޔަފާރީގެ ރޮގުންނާއި އެހެނިހެން ގޮތްގޮތުން ކުރިއަރައިގެން ދާނެ ކަމުގައި އެ އަތޮޅުގެ ރައްޔިތުން ދެކެއެވެ.

- ކޮމެންޓް