މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން އިންޑިއާގެ ސޫތުކުޅި އާއި އައްޑޫ އަދި ހުވަދުއަތޮޅާ ދެމެދު ކަނޑުމަގުން މުދާ ގެންނަ ފުރަތަމަ ބޯޓު "އެމްވީ ބޮންތި 2″ ތިނަދުއަށް ބަނދަރުކޮށްފިއެވެ.
ތިނަދުއަށް ޑައިރެކްޓް ޝިޕިންގެ ޚިދުމަތް ފެށުމަށްޓަކައި ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އައިޝަތު ނަހުލާ ވިދާޅުވީ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމަށާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ކޮޗިން ކާގޯ ފެރީގެ ޙިދުމަތް ކުޅުދުއްފުއްޓަށް ފެށި، އަދި އައްޑޫ އާއި ތިނަދޫއާ ދެމެދު ސޫތުކުޅިން ސީދާ މުދާ ގެންނަން ފެށިގެން ގޮސްފައިވާ ކަމަށެވެ.
އަދި ރާއްޖެ ފުދުންތެރި ގައުމަކަށް ހެދޭނީ އެކަށީގެންވާ ގޮތެއްގައި ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ކުރެވިގެން ކަމަށާއި، މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކައިރި ގައުމުތަކާއެކު ދަތުރުފަތުރުގެ ނިޒާމް ވަރުގަދަ ކުރުން ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ދަތުރުުފަތުރުގެ ނިޒާމް ޓުޓިކޮރިންނާއެކު ގުޅާލެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ ރައީސް ޞާލިޙުގެ ވައުދުފުޅެއް. މިކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ދުވެލި ހަލުވިގެންދާނެ. އެގޮތުން ގައުމީ ޝިޕިންގ ލައިނެއް އުފެއްދުމަކީ އަޅުގަނޑުމެން ފަޙުރުވެރިވާ ކަމެއް. މިއީ ސަރުކާރުން ކުރިއަށްގެންދާ ވަރަށް ރަނގަޅު އިގުތިސޯދީ މަސައްކަތެއް. އަދި މެރިޓައިމް ދާއިރާވެސް އިތުރަށް ކުރިއަރައިގެންދާނެ.މިނިސްޓަރ އޮފް ޓްރާންސްޕޯޓް އައިޝަތު ނަހުލާ
މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ މިއީ ތިނަދޫގެ ވިޔަފާރިވެރިންނަށް އަގުހެޔޮކޮށް އިންޑިއާއިން މުދާ ގެނައުމަށް ހުޅުވިގެންދާ ދޮރެއް ކަމަށެވެ. އަދި ޝެޑިއުލެއްގެ ތެރެއިން ދަތުރު ފެށުމުން ވިޔަފާރިވެރިންނަށް މުދާ ގެނައުމަށް ބޮޑުތަން ފަސޭހަ ވެގެންދާނެ ކަމަށާއި، އެއާއެކު މުދަލުގެ އަގުތައް ކުޑަވެގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި މިއީ ޒުވާން ވިޔަފާރިވެރިންނަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، މި ދާއިރާގައި ވަޒީފާތަކެއްވެސް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގު ފަހިކޮށް ދިނުމުގެ މަގުސަދުގައި އުފައްދާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންނަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.
ޑައިރެކްޓް ޝިޕިންގ ފެށުމައްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ މި ފެށިގެން ދިޔަ ޙިދުމަތަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ޙިދުމަތެއް ކަމަށެވެ. އަދި ރާއްޖޭގެ ފްރައިޓް ރޭޓް ބޮޑު ނުކޮށް އެމްއެސްއެސްއިން އެކަން ހިފެހެއްޓި ކަމަށާއި، މިއަދު ވިޔަފާރިވެރިންގެ މުދާ އެފަރާތްތަކަށް ލަސްނުކޮށް ލިބޭނެ އިންތިޒާމް އެމްއެސްއެސްއިން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ބޭނުންވާ ގަޑިއަށް ކާގޯ ލިބިގެންދާނެ މަގުފަހިވެގެން ގޮސްފައިވާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
ހުވަދުއަތޮޅަކީ ވަރަށް މުއްސަނދި ވިޔަފާރިވެރިން ތިބި އަތޮޅެއް. ނަމަވެސް ދިމާވި ހިތާމަވެރި ހާދިސާއާއެކު އެކަން މަޑުޖެހިފައި އޮތް ނަމަވެސް އެމްއެސްއެސްގެ އުންމީދަކީ ހުވަދުއަތޮޅުގެ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދައި، ވިޔަފާރިވެރިންތަކެއް އުފެއްދުން ކަމަށް.އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު
މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން އިންޑިއާގެ ސޫތުކުޅި އާއި އައްޑޫ އަދި ގދ. ތިނަދުއާ ދެމެދު ޝިޕިންގ ޚިދުމަތް ފެށުމާއެކު ގދ. އަތޮޅުން ލިބެން ހުންނަ ބައެއް މުދަލުގެ އަގުހެޔޮ ވާނެ ކަމަށް އެ އަތޮޅުގެ ވިޔަފާރިވެރިން ދެކެއެވެ.
މިކަމާ ގުޅިގެން ވާހަކަދައްކަވަމުން ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުލް މުޣުނީ ވިދާޅުވީ މި ޚިދުމަތަކީ މުޅި ތިނަދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އިމްޕޯޓް އެކްސްޕޯޓް ޤާނޫނުގެ ތެރެއިން ރައްޔިތު މީހާއަށް ލުއި ފަސޭހަތަކެއް ލިބިގެންދާތަން ފެނިގެންދާ ކަމަށެވެ. އަދި ތިނަދުއަކީ މީގެ ކުރިން ބައިނަލްއަގުވާމީ އެހެން ޕޯޓުތަކުން މުދާ ގެނެސްފައިވާ ރަށެއް ކަމަށްވާއިރު، މި ކަމުގެ މަންފާ ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
މި ކާގޯ ފެރީގައި ވަނީ 2،700 ށްވުރެ ގިނަ ޓަނުގެ މުދާ ގެނެސްފައެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނާއި، މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ. މި ބޯޓުގައި 2،719 ޓަނުގެ މުދާ އުފުލޭނެއެވެ.
އެމްއެސްއެސްގެ އެމްޑީ ސައީދު ވިދާޅުވީ އައްޑުއަށް ޑައިރެކްޓް ޝިޕިންގ މި މަހުގެ 10 ވަނަ ދުވަހު ފަށާފައިވާއިރު، މިހާތަނަށް ގިނަ އަދަދަކަށް ވިޔަފާރިވެރިންގެ ޑިމާންޑް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން މި ޙިދުމަތް ކުރިއަށްދާ ގޮތް ތިނަދޫ އާއި މިސަރަހައްދުގެ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ތިނަދޫގައި ރީޖަނަލް ޕޯޓެއް ނެތުމުގެ ސަބަބުން ބޯޓުން މުދާ ބޭލުމުގައި ކަންކަން އިންތިޒާމުކުރާނީ އެމްއެސްއެސް ކުންފުނިންނެވެ.
ވިޔަފާރި ލާމަރުކަޒީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަގުހެޔޮކޮށް ރާއްޖެއިން ބޭރުން ސީދާ މުދާ ގެނެސް އަތޮޅުތައް ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންނާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ކާގޯ ފެރީގެ ޚިދުމަތް ފަށާފައެވެ.
އެމްއެސްއެސްއިން ބުނީ ކުންފުނީގެ ހޮޓްލައިން 7309700 އަށް ގުޅައިގެން، ނުވަތަ[email protected]އަށް އީމެއިލް ކޮށްގެން ކާގޯ ބުކް ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެމް އެސް އެސް ގެ މިދަތުރުތައް ކޮންމެ 20 ދުވަހަކުން ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.