ރާއްޖޭގެ އުތުރުން ފެށިގެން މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސަރވިސުން ބުނެފައިވާގޮތުގައި، އަންގާރަ ދުވަހުގެ ހެނދުނު 08:00ން ފެށިގެން 14:00ށް ހއ. އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި، އަންގާރަ ދުވަހު، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.
ބުދަ ދުވަހު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، ފާއިތުވެދިޔަ ދެ ދުވަސް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް، ވައިގަދަވެ، މޫސުން ގޯސްވެފައިވާތީ އެލާޓްތައް ނެރެފައި ވެއެވެ.