އިތުރު އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 34 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ށް 2،613 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ އަށް މީހަކު ކަމަށްވެސް ވަނީ ބުނެފައެވެ.
އެއީ މާލެ ސަރަހައްދުން ހަތަރު މީހަކާއި، ރިސޯޓުތަކުން ތިން މީހަކު އަދި އަތޮޅުތެރޭގެ ރަށަކުން އެކަކު ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ 40 މީހަކަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، މި ވަގުތަށް ރާއްޖޭގައި 517 އެކްޓިވް ކޭސް ހިމެނޭ ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޖުމްލަ 13،501 މީހަކު ޕޮޒިޓިވް ވެފައިވާއިރު، 12،929 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާތަނަށް ބަލީގައި 48 މީހަކު ވަނީ ނިޔާވެފައެވެ.
ކޮވިޑް-19 އަށް ކޭސްތައް މަދުވި ނަމަވެސް، ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.