ކ. މާލެ
|
21 ޑިސެންބަރ 2020 | ހޯމަ 23:18
މާލެ ސިޓީގައި އާންމުން ހޭލަމޭލަ ވަމުން ދަނިކޮށް
މާލެ ސިޓީގައި އާންމުން ހޭލަމޭލަ ވަމުން ދަނިކޮށް
ރާއްޖެއެމްވީ
ކޮވިޑުގެ ޖޫރިމަނާ ބޮޑުކުރުން
ލައްކައަކާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ކޮވިޑުގެ ޖޫރިމަނާ ބޮޑުކޮށްފި
އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ
ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފުވެއްޖެނަމަ ކުރާ ޖޫރިމަނާ ބޮޑުކޮށް، އުސޫލަށް ބަދަލުގެނަސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ބަދަލުގެނަސްފައިވާ ކަމަށެވެ. އެގޮތުން އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، އެންގުމާއި ޚިލާފުވާ ދެވަނަ ފަހަރު 3،500 ރުފިޔާއިން، އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އަދި ޤާނޫނީ ޝަޚުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، އެންގުމާ ޚިލާފުވާ ދެވަނަ ފަހަރު 25،000 ރުފިޔާއިން، އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން، އަދި އެންގުމާއި ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާގެ އައު އުސޫލަށް އަމަލު ކުރާނީ ކޮވިޑް-19 އާ ގުޅިގެން މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ އަލަށް އެ ހާލަތު އިއުލާންކުރުމަށްފަހު އެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފުވެއްޖެނަމަ ކުރާ ޖޫރިމަނާ ބޮޑުކުރިއިރު، މީގެ ކުރިން އެންގުމާ ޚިލާފުވެއްޖެނަމަ ޖޫރިމަނާ ކުރަމުން އައީ 1،000 ރުފިޔާއިންނެވެ.

- ކޮމެންޓް
22 ޑިސެންބަރ 2020 | އަންގާރަ 12:18
ޢަދި މާމަދު މިލިއަނުން ކުރާރާގޮތައް ހަޖައްސާ!