ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު މަތްރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
ހޯމަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރައްމިއްޔާތުގައި ސައުދީގެ އައު ސަފީރަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެ އާއި ސައުދީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި މި ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (ސައުދީ ފަންޑް) އިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ވަކީން ހާއްސަކޮށް ގެދޮރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއާ ގުޅޭގޮތުން މި އަހަރު ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކަނޑައިލުމަށްފަހު ހައްޖާއި އުމްރާވުމުގެ ފުރުސަތު ސައުދީ ސަރުކާރުން އަލުން ހުޅުވައިލެއްވުމުން ރައީސް ޞާލިޙު ވަނީ އެ ކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ބައިނަލްއަގުވާމީ މަސްރަހުގައި، ވަކީން ހާއްސަކޮށް އިސްލާމީ ދުނިޔެ އާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ފޯރަމްތަކުގައި އެ ގައުމުން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުގުވެރިކަން ރައީސް ޞާލިޙު ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް ރައީސް ޞާލިޙު ވަނީ ހެޔޮއެދުންތައް ފޮނުއްވާފައެވެ.