ކ. މާލެ
|
21 ޑިސެންބަރ 2020 | ހޯމަ 09:27
ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ހިދުމަތްދިން ތަނެއް
ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ހިދުމަތްދިން ތަނެއް
ރާއްޖެއެމްވީ
ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން
ބައެއް އައްޑާތަކުގެ ވެރިންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި
ދައުވާކުރަން މިހާތަނަށް ފޮނުވާފައިވަނީ، މ. ބްރައިޓްފްލާވަރ އާއި ގ، ފްރެޝްލައިޓް އަދި ގ، ހިލާލުގޭގެ ވެރިފަރާތުގެ މައްޗަށް
މީގެ އިތުރުންވެސް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަންތަން ރެއިޑްކޮށްފައިވޭ

މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް، އެ ބޭނުންކުރެވޭނެ ހިދުމަތްތައް ފޯރުކޮށްދޭ ބައެއް "އައްޑާ"ތަކުގެ ވެރިންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ މީީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މަސްތުވާތަކެތި ވިޔަފާރިކޮށް، އެ ބޭނުންކުރެވޭ ގޮތަށް ހަދާފައިހުރި ބައެއް "އައްޑާ"ތަކުގެ ވެރިންގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޕީޖީ އޮފީހަށް ދައުވާކުރަން މިހާތަނަށް ފޮނުވާފައިވަނީ، މ. ބްރައިޓްފްލާވަރ އާއި ގ، ފްރެޝްލައިޓް އަދި ގ، ހިލާލުގޭގެ ވެރިފަރާތުގެ މައްޗަށެވެ. މި ތިން ގޭގެ އިތުރުންވެސް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަންތަން ފުލުުހުން ރެއިޑް ކޮށްފައިވެއެވެ.

ދާދިފަހުން، މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަންތަން ރެއިޑްކޮށް ބޮޑު އޮޕަރޭޝަނެއް ފުލުހުން ހިންގި ނަމަވެސް ގާނޫނީ ބައެއް ހުރަސްތައް ކުރިމަތިވެ، އަދި ބޮޑެތި ގޮންޖެހުންތަކާހެދި އެ އޮޕަރޭޝަން އެންމެ އެދެވޭގޮތުގައި ކުރިއަށް ނުގެންދެވި ވަނީ ހުއްޓާލަން ޖެހިފަ އެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރަން ގާނޫނީގޮތުން އެއްވެސް ހައްލެއް މިވަގުތައް ނެތް ކަމަށާއި، އިތުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ބުނެ ފުލުހުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ.

ފުލުުހުންގެ ފަރާތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑު ތަމްސީލު ކުރައްވާ، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ އިސްވެރިޔާ އަހުމަދު ޝާކިރު ވިދާޅުވެފައިވަނީ، އެތަންތަން ނައްތާލުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެފަދަ ''ކެފޭ'' ތައް ނައްތާލަން ގާނޫނީ ގޮތުން އޮތް ހުރަސްތަކާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުންވެސް ދިރާސާތަކެއްވެސް ކޮށްފައިވާ ކަމަށާއި، އެކަމަކު އަދި މިހާތަނަށް އެކަމަށް ގާނޫނީ ގޮތުން އެއްވެސް ހައްލެއް ހޯދިފައިނުވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން ގާނޫނީ ގޮތުން ދިމާވި އެންމެބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ހިދުމަތްދޭ ގެތަކަށް އެ ގޭގެ މީހުން ފިޔަވާއި އެހެން މީހުންނަށް ނުވަދެވޭ ގޮތަށް ކޯޓު އަމުރު ނެރެނުދިން މައްސަލައެވެ.

މަސްތުވާތަކެތީގެ ހިދުމަތްދޭ ގެތަކަށް އެ ގޭގެ މީހުން ފިޔަވާއި އެހެން މީހުންނަށް ނުވަދެވޭ ގޮތަށް އަމުރެއް ނެރެދެން ކްރިމިނަލް ކޯޓުގައި އެދުމުން އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ޝާކިރު ވިދާޅުވެފައިވެއެވެ.

- ކޮމެންޓް