މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައި ނުވާކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން ނެރެފައިވާ ބްރޯޑްކޮމްގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެކޮމިޝަނަށް ލިބެންޖެހޭ އެކިއެކި އަހަރީ ފީތަކާއި އަހަރީ ފީ ނުދައްކައިގެން އަރާ ޖޫރިމަނާ ފައިސާ، އެ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ކިބައިން ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ބްރޯޑްކޮމް އިން އަމަލުކޮށްފައި ނުވާކަމަށެވެ.
މީގެއިތުރުން، އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުގައި، އޮޑިޓް ސާމްޕަލް ނަގައިގެން ބެލި ބެލުމުން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ 3,204,320ރ (ތިން މިލިއަން ދެލައްކަ ހަތަރު ހާސް ތިން ސަތޭކަ ވިހި ރުފިޔާ) ހޯދުމަށް އެފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ދެފަހަރު މަތިން ސިޓީ ފޮނުވުމަށްފަހުވެސް ފައިސާ ދައްކާފައި ނުވިނަމަވެސް، ދައުލަތުގެ މާލިއްޔަތުގައި ވާގޮތަށް ފައިސާހޯދުމުގެ މައްސަލަ ބްރޯޑްކާސްޓިންގ ކޮމިޝަނުން ޝަރީޢަތަށް ހުށަހަޅާފައި ނުވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޮޑިޓް ސާމްޕަލް ނަގައިގެން ބެލި ބެލުމުން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ 1,090,600ރ (އެއް މިލިއަން ނުވަދިހަ ހާސް ހަ ސަތޭކަ ރުފިޔާ)ވެއެވެ. އެގޮތުން، އެފައިސާ ހޯދުމަށް، 7 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ލިޔުން ފޮނުވާފައިވީނަމަވެސް، އެ މުއްދަތު ފާއިތުވިއިރު ފައިސާ ދައްކާފައި ނުވިނަމަވެސް، ފައިސާ ދެއްކުމަށް އިތުރު 7 ދުވަސް ދިނުމަށް ހަނދާންކޮށްދީ ލިޔުން ފޮނުވާފައިނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި 28 ފެބްރުވަރީ 2010 އާ ހަމައަށް ފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭނަމަ، ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވެ، އެ ފައިސާއިން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭނެ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ބްރޯޑްކޮމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމަށާއި، ފުރުޞަތު ދިނުމުންވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އޮޑިޓަރ ޖެނަރަލްވަނީ ބްރޯޑްކޮމްއަށް ދަންނަވާފައެވެ.