ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 17 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 06:00ން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރު 06:00 އާ ހަމައަށް 3،149 މީހެއްގެ ގައިން ވަނީ ކޮވިޑްގެ ސާމްޕަލް ނަގައިފައެވެ. އަދި އޭގެތެރެއިން 19 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 މީހަކު މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރޭން 6 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ސިނާއީ މަސައްކަތް ކުރަމުން އަންނަ ރަށްރަށުންނާއި ހަދަމުން އަންނަ ރަށްރަށުން 3 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އިތުރު 19 މީހުން ބައްޔަށް ޕޮޒިޓިވްވުމާއިއެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 543ށް އަރައިފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 44 އެވެ.
ރާއްޖެއިން މިހާތަނަށް 13،493 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 12،895 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އަދި މި ބަލީގައި 48 މީހަކު ރާއްޖެއިން ވަނީ ނިޔާވެފައެވެ.