ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 23:29
އެފްއެސްއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ހަފްލާގެ ތެރެއިން
އެފްއެސްއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ހަފްލާގެ ތެރެއިން
އެސްޓީއޯ
އެފްއެސްއެމް އަށް 20 އަހަރު
މެދުކެނޑުމެއްނެތި ރަށްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދެވުނީ އެފްއެސްއެމްގެ ސަބަބުން - އަމްރު
ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ދުވަސްވަރެއްގައި އެފްއެސްއެމްއިން ވެސް ޙާލަތުތަކާއި ގުޅިގެން ލިބޭފުރުސަތުތަކުގެ ބޭނުން ރަގަޅު ގޮތުގައި ހިފަން ޖެހޭ - އަމްރު
އެސްޓީއޯގެ އަލިހުރަސް ތެޔޮ ޓޭންކަރު އެފްއެސްއެމްއަށް ވަނީ ޓްރާންސްފަރ ކޮށްފައި

މުޅި ރާއްޖެއަށް މެދު ކެނޑުމެއްނެތި ތެޔޮ ޑެލިވަރކޮށް، ރާއްޖޭގެ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނަ ނުދީ ހިފަހައްޓާކަމީ ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސީއީއޯ ހުސެއިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނިން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން، އެސްޓީއޯގެ، ސީއީއޯ ހުސެއިން އަމްރު ވިދާޅުވީ 20 އަހަރު ދުވަހުގެ ޚިދުމަތަކީ ކުރުމުއްދަތެއް ނޫންކަމަށާއި، މިހާ ގިނަދުވަހު މެދުނުކެނޑި މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ތެޔޮ ޑެލިވަރކޮށް، ރާއްޖޭގެ ރަށްތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނަ ނުދީ ހިފަހައްޓާކަމީ ފަޚުރުވެރިވާން ޖެހޭކަމެއް ކަމުގައި ފާހަގަކުރިއެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ދުވަސްވަރެއްގައި އެފްއެސްއެމްއިން ވެސް ޙާލަތުތަކާއި ގުޅިގެން ލިބޭފުރުސަތުތަކުގެ ބޭނުން ރަގަޅު ގޮތުގައި ހިފުމަށް އަމްރު ވަނީ ނަސޭހަތްތެރިވެފައެވެ.

މި ޙަފްލާގައި އެސްޓީއޯއިން ވަނީ އެ ކުންފުނީގެ 5.8 މިލިއަން ލީޓަރު ސްޓޯރޭޖްގެ ތެޔޮ ޓޭންކަރު (އަލިހުރަސް) އެފްއެސްއެމްއަށް ޓްރާންސްފަރ ކޮށްދެއްވާފައެވެ. އަދި ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ތެޔޮއުފުލާ ޓޭންކަރ އެފްއެސްއެމްއަށް ލިބުމުން އެކަމަށް އަމްރު މަރުޙަބާ ދެންނެވިއެވެ.

ޙަފްލާގެ ބައިވެރިންނާއި މުޙާތަބުކޮށް ވާހަކަދައްކަވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވީ 2019 ވަނަ އަހަރު ވެގެންދިޔައީ މިހާތަނަށް އެފްއެސްއެމްއިން އެންމެ ބޮޑުފައިދާއެއް ނެރުނު އަހަރުކަމަށެވެ. އަދި 2020 ވަނަ އަހަރު ކޮވިޑް-19 އާއި ގުޅިގެން މުޅިދުނިޔެއަށް ކުރިމަތިވި ބޮޑު ގޮންޖެހުންތަކުގެ ސަބަބުން، މި އަހަރަށް ކަނޑައެޅި ލަނޑުދަނޑިތައް ޙާސިލް ނުކުރެވުނު ނަމަވެސް، 2021 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ގަދައަޅާ މަސައްކަތްކޮށްދެއްވުމަށް މުއައްޒަފުންގެ އަރިހުން އެދިލެއްވިއެވެ.

އެސްޓީއޯއާއި އޭރުގެ ވަރަ މޯލްޑިވްސް ޙިއްސާވެގެން 2000 ވަނަ އަހަރު އެފްއެސްއެމް ވުޖޫދަށް އައިސްފައިވަނީ އެސްޓީއޯގެ ތެޔޮ ރާއްޖޭގެ ކަންކޮޅުތަކަށް ޑިސްޓްރިބިއުޓްކުރާ ލޮޖިސްޓިކްސް ކުންފުންޏެއްގެ ގޮތުގައެވެ. މިހާރު އެފްއެސްއެމްއަކީ ދިވެހިރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާދާއިރާގައި ކުރިއަށް ގެންދާ އެއް ކުންފުންޏެވެ.

- ކޮމެންޓް