ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 11:36
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް: ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިންޓަރނޭޝަނަލް ޑޮކްޔާޑެއް ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވި
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް: ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިންޓަރނޭޝަނަލް ޑޮކްޔާޑެއް ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވި
މުހައްމަދު ފަޒީން
އެމްޓީސީސީ
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިންޓަރނޭޝަނަލް ޑޮކްޔާޑެއް ގާއިމު ކުރާނަން: އެމްޓީސީސީ
5000 ޓަނުގެ ބޯޓު ފަހަރަށް ހިދްމަތް ދެވޭ ޑޮކްޔާޑެއް
މަހާޖައްރާފު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރވިސް ކުރަންޖެހޭ
ބޭރުގެ ޑޮކްޔާޑަކަށް ގެންދިއުމަކީ އެތައް މިލިއަން ޑޮލަރެއް ޚަރަދުވާ ކަމެއް

ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި އިންޓަރނޭޝަނަލް ޑޮކްޔާޑެއް ގާއިމު ކުރާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީއަށް 40 އަހަރު ފުރުނު މުނާސަބަތާއެކު ހުކުރު ދުވަހު ރާއްޖެޓީވީ "ފަށާއިރު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ރާއްޖޭގައި އިންޓަރނޭޝަނަލް ޑޮކްޔާޑެއްގެ މުހިއްމުކަން ބޮޑު ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި އިންޓަރނޭޝާނަލް ޑޮކްޔާޑެއް ގާއިމު ކުރެވޭނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ރާއްޖެއަށް އިންޓަރނޭޝަނަލް ޑޮކްޔާޑެއްގެ މުހިއްމުކަން ބޮޑުވަނީ، އެމްޓީސީސީއާއި އެސްޓީއޯއާއި މިފްކޯގެ ފަދަ ކުންފުނިތަކާއި އެމްއެންޑީއެފްފަދަ ދައުލަތުގެ މުހިއްމު އިދާރާތަކުގައި ބޭނުންކުރަމުންދާ ބޯޓުފަހަރުތައް ސަރވިސް ކުރުމަށް ރާއްޖެއިން ބޭރަށް އެބޯޓު ފަހަރުތައް ގެންގޮސް، ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭތީ ކަމަށެވެ. އާޒިމް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު 5،000 ޓަނުގެ ބޯޓުތައް އެހެލެވޭވަރުގެ ޑޮކްޔާޑެއް ގާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ހުރި އެމްޓީސީސީގެ ޑޮކްޔާޑު ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުން ކުރަމުންދާ އެކުންފުނީގެ މަހާޖައްރާފު ދެ އަހަރުގެ ތެރޭގައި އިންޓަރނޭޝަނަލް ޑޮކްޔާޑަކަށް ގެންގޮސް ސަރވިސް ކުރަންޖެހޭ ކަމަށެވެ. ރާއްޖެއިން ބޭރަށް މަހާޖައްރާފު ޑޮކްކުރަން ގެންގޮސްފިނަމަ ދެ މިލިއަން ޑޮލަރު ޚަރަދު ކުރަންޖެހެތީ، ކުންފުނީގެ މެނޭޖްމަންޓުން މިހާރު ނިންމާފައިވަނީ އެކުންފުނީގެ ޑޮކްޔާޑު އިންޓަރނޭޝަނަލް ފެންވަރުގެ ޑޮކްޔާޑަކަށް ބަދަލުކުރުމަށް ކަމަށެވެ. އާޒިމް ވިދާޅުވީ އޭގެސަބަބުން ރާއްޖޭގައި ކަނޑުބޯޓު ފަހަރު އޮޕަރޭޓްކުރާ ހުރިހާ ފަރާތްތަކަށްވެސް ފައިދާ ކުރާނެ ކަމަށެވެ.

ދިވެހިރާއްޖޭގައި 5،000 ޓަނުގެ ބޯޓުތައް އެހެލޭ ވަރުގެ ޑޮކްޔާޑެއް ކުރިއަށްއޮތް ދެއަހަރުގެ ތެރޭގައި އެމްޓީސީސީގައި އޮންނާނެ. އިންޓަރނޭޝަނަލް ޑޮކްޔާޑެއް އޮންނަންޖެހޭކަމަށް ވެސް ގަބޫލުކުރަން. އެއީ ރާއްޖެއިން ބޭރުގެ ޑޮކަކަށް ބޯޓެއް ދާނަމަ އެތައް މިލިއަން ޑޮލަރެއް ބޭރުގެ ޑޮކްޔާޑުތަކަށް އެބަ ޚަރަދުކުރަންޖެހޭ. އެމްއެންޑީއެފްގެ އުޅަންދުތައް އެބަދޭ، އެސްޓީއޯގެ ބޯޓު ފަހަރުތައް އެބަދޭ، މިފްކޯގެ ބޯޓުތައް އެބަދޭ، އެމްޓީސީސީގެ އުޅަނދުތައްވެސް އެބަދާންޖެހޭ. އެހެންވީމާ ރާއްޖޭގައި އިންޓަރނޭޝަނަލް ޑޮކްޔާޑެއް އޮންނަންޖެހޭ،
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީއަކީ، ގިނަ އުޅަނދުތައް ބޭނުންކުރަމުންދާ، އަދި ރާއްޖޭގެ އެތައްމިތަނުގައި ދަތުރުފަތުރު ކުރުމުގެ ހިދްމަތް ދެމުންދާ ކުންފުންޏެވެ.

އެމްޓީސީސީގެ ސީއީއޯކަމުގެ މަގާމާ ހަވާލުވެވަަޑައިގެން އާޒިމް އާޒިމް ވަނީ އެކުންފުނިން ހިންގަމުންދާ މަޝްރޫއުތައް އަވަސް ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ނެވެ. އާޒިމް ވިދާޅުވީ މިހާރުވެސް 50 މަޝްރޫއެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާ ކަމަށެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންދަނީ އެމްޓީސީސީންނެވެ.

- ކޮމެންޓް