މި އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި ހުރި ޓޫރިސްޓު އެނދުތަކުގެެ 90 އިންސައްތަ އޮޕަރޭޝަނަށް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އޮފިސަރ އަލީ ރައްޒާން ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވާލަން ނިންމި ނިންމުމާއި އަދި މިކަމާ ގުޅޭ ގޮތުން ނެރުނު ގައިޑްލައިންއާއި ގުޅޭގޮތުން އޭނާ ވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވާލުމުގެ މަސައްކަތް ފެށުނީ އޮކްޓޯބަރު މަހު، މާލެ ސަރަހައްދުގައި ފެންނަ ކޮވިޑުގެ ކޭސްތައް މަދުވުމުން ކަމަށެވެ. މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ހޯމަ ދުވަހުން ފެށިގެންދޭ ގޮތައް ވަނީ ހަމަޖެހިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޒާން ވިދާޅުވީ މާލެ ސަރަހައްދުގައި މި ވަގުތު 2،500 އެއްހާ އެނދު އެބަހުރި ކަމަށާއި މި ޑިސެމްބަރު މަސް ނިމުމުގެ ކުރިން އޭގެ 90% އޮޕަރޭޝަނަށް އަންނާނެ ކަމަށެވެ.
ހުޅުމާލޭގައި އެބަ އުޅޭ 1،400 އެއްހާ އެނދު. މާލޭގައި 1،000 އެއްހާ އެނދު. ވިލިމާލޭގައި 100 އެއްހާ އެނދު. ޖުމްލަ މި ސަރަހައްދުގައި 2،500 އެއްހާ އެނދު. އަޅުގަނޑުމެން މި ބަލަނީ މިނިސްޓްރީން އަންދާޒާ ކުރަނީ ޑިސެމްބަރު ނިމެންވާއިރު މި ސަރަހައްދުގައި ހުރި އެންދުތަކުގެ 90 % އޮޕަރޭޝަނަށް އަންނާނެ ކަމަށް.ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އޮފިސަރ އަލީ ރައްޒާން
ރައްޒާން ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހު ގެސްޓު ހައުސްތައް ހުޅުވުމާލުމުގެ ހުއްދަ ދެވުމާއި އެކު، ވަކި ވަކި ގެސްޓުގައުސްތަކުގެ އެސްއޯޕީތައް ލިބެމުންދާ ކަމަށާއި، އެ އެސްއޯޕީތައް މިނިސްޓްރީން ރިވިއު ކުރަމުން ދާ ކަމަށެވެ.
އެގޮތުން އެ އެސްއޯޕީ އަކީ ފާސްކުރެވޭވަރުގެ އެސްއޯޕީއެއް ނަމަ ގެސްޓްހައުސްތަކަށް ގޮސް އިންސްޕެކްޓް ކުރާ ގޮތައް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީން ވަނީ ރަށްރަރުގެ ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުމުގެ ތަމްރީންތައް ހުރިހާ ކައުންސިލްތަކަކަށް ދީފައެވެ.