ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ތިން ސާރކިއުލަރއެއް ބާތިލް ކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބާތިލްކުރި ސާރކިއުލަރތަކުގެ ތެރޭގައި ހިމެނެނީ، ހައިކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިލްތިމާސްކުރުމާ ގުޅޭ ސާރކިއުލާރ އާއި ދަށުކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިސްތިއުނާފްކުރުމާ ގުޅޭ ސާރކިއުލަރ އެވެ.
ސުޕްރީމް ކޯޓުން ބާތިލްކުރި ތިން ވަނަ ސާރކިއުލަރއަކީ ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރަންޖެހޭ ދުސްތޫރީ މައްސަލަތައް އިސްތިއުނާފްކުރުމާ ގުޅޭ ސާރކިއުލަރއެކެވެ.
އެ ތިން ސާރކިއުލަރ އަކީވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ނުފޫޒުން އެކުލަވާލި، ސުޕްރީމް ކޯޓުން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ނެރެފައިވާ ތިން ސާރކިއުލަރއެކެވެ.
އެ ސަރކިއުލަރތަކަކީ އިސްތިއުނާފް ކުރުމުގެ 90 ދުވަސް ލިބޭގޮތަށް ކުރިން އޮތް މުއްދަތު ކުރުކުރުމުގެ ގޮތުންނާއި އިސްތިއުނާފް ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތް ބަޔާން ކޮށް އޭރު ސުޕްރީމް ކޯޓުން ނެރެފައިވާ ސަރކިއުލަރތަކެކެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރެރިޒަމްގެ ދައުވާއާ ކްރިމިނަލް ކޯޓުގައި ހިނގަމުންދަނިކޮށް، އޭރު ސުޕްރީމް ކޯޓުން ވަނީ، ދަށު ކޯޓުން ކުރާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތު 10 ދުވަހަށް ކުޑަކޮށްފަ އެވެ. އަދި ހައިކޯޓުން ކުރާ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރުމަށްޓަކައި ސުޕްރީމް ކޯޓަށް 30 ދުވަހުގެ ތެރޭގައި ހުށަހެޅަން ޖެހޭގޮތަށްވެސް ސަރކިއުލާއެއް ނެރެފައި ވެއެވެ.
އޭރު މިފަދަ ގިނަ ސަރކިއުލަރތައް ސުޕްރީމް ކޯޓުން ނެރެފައިވާއިރު، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނާއި ރައީސް ޔާމީނާއެކު ގާތް ގުޅުމެއް އޮތްކަން މީގެކުރިން އާންމުވެފައިވާ ބައެއް ފަނޑިޔާރުންގެ ބަޔާންތަކުންނާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތުގެ ތެރެއިން ހިންގަމުންދާ ތަހުގީގުތަކުން ހާމަވެގެން ގޮސްފައިވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާފައި ވެއެވެ.