ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 14:49
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު
ޝުއައިބް މުހައްމަދު އިގްބާލް
ލޯކަލް ކައުންސިލް އިންތިހާބު
އެޗްޕީއޭގެ ހުއްދަ ލިބުނަސް އިންތިހާބު ބޭއްވޭނީ ޖުމްލަ 64.3 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބިގެން - ޝަރީފު
އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދެވޭނީ އެޗްޕީއޭއިން އެކަމަށް ހުއްދަ ދިނުމުން، ހޯމަ ދުވަހު އެކަމަށް ގޮތެއް ނިންމާނެ
ބަޖެޓު ބޮޑު ކުރުމަށް ފިނޭންސާއި ހޯމަ ދުވަހު މަޝްވަރާ ކުރާނެ
ހަރަދު ކުޑަކުރުމަށް އިންޓަރނޭޝަނަލް އޮބްޒާވަރުން އިންތިހާބަށް ނުގެންނާނެ

އިންތިހާބު ބޭއްވޭނީ މިހާރު ފާސްކޮށްފައިވާ 51 މިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރަށް 13.3 މިލިއަން ރުފިޔާ ލިބިގެންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަރީފު ވަނީ، އިންތިހާބު ބޭއްވުމަށް ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކާއި ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން، އޭނާ ވިދާޅުވީ، އިންތިހާބު ބޭއްވުމަށް 71 މިލިއަން ރުފިޔާ ބޭނުންވާކަމަށް އީސީން މަޖިލީހަށް ހުށަހެޅުމުން ކޮވިޑްގެ ދުވަސްވަރަށް ދިމާވުމާއިއެކު ބަޖެޓު ފާސްވިއިރު އޮތީ، 51 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ.

އީސީން ވަނީ އެއިރުވެސް އިންތިހާބު 51 މިލިއަން ރުފިޔާ ލިބިގެން ނުބޭއްވޭނެކަމަށް ބުނެފަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝަރީފު ވިދާޅުވީ، އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދެވޭނީ އެޗްޕީއޭއިން އެކަމަށް ހުއްދަ ދިނުމުން ކަމަށާއި ހޯމަ ދުވަހު އެކަމަށް ގޮތެއް ނިންމާނެކަމަށެވެ. އަދި، މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބާއި ގުޅޭ މައުލޫމާތު އެޗްޕީއޭއިން ހިއްސާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، އެޗްޕީއޭއިން ހުއްދަދިނަސް އިންތިހާބު ބޭއްވޭނީ ބަޖެޓަށް އިތުރު 13.3 މިލިއަން ރުފިޔާ ލިބިގެން ކަމަށެވެ. އެގޮތުން، ހަރަދުކުޑަކުރެވޭނެ ގޮތްތަކާއި މެދު ސެކްޝަންތަކާއި މަޝްވަރާ ކުރުމަށް ފަހު، އިންތިހާބު ބޭއްވުމަށް 64.3 މިލިއަން ރުފިޔާ ބޭނުންވާކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، މުވައްޒަފުންގެ ބައިން 19 މިލިއަން ރުފިޔާ މަދުކުރަން ހުށަހެޅިނަމެވެސް މިފަދަ ބޮޑު އިންތިހާބެއްގައި ހާއްސަކޮށް މި ހާލަތުގައި އެކަން ކުރެވެން ނެތްކަމަށެވެ. އިތުުރުގަޑީގައި ފައިސާ ނުދެވުނަސް އެލަވެންސެއް މަދުނުކުރެވޭނެކަމަށެވެ. އަދި، މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީއާއިއެކު ހޯމަ ދުވަހު މަޝްވަރާ ކުރާނެކަމަށާއި ސަރުކާރުން އޮތީ އިންތިހާބުގެ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެފައިކަމަށް އޭނާ ވިދާޅުވިއެވެ.

ހަރަދު ކުޑަކުރުމަށް އުނިކޮށްފައިވާ ކަންކަން ހިއްސާކުރަމުން ޝަރީފް ވަނީ، މިފަހަރު އިންޓަރނޭޝަނަލް އޮބްޒާވަރުން އިންތިހާބަށް ނުގެންނާނެކަމަށް ވިދާޅުވެފައެވެ. އިލެކްޝަންސް ކޮމިޝަނުން ދަނީ، ކޮވިޑް-19 އާއި ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު މާޗު މަހު 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުންނެވެ.

- ކޮމެންޓް