ރާއްޖެއަށް ޒިޔާރަތްކުރާ ފަސް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ ޑިސެމްބަރ 19 ވަނަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިިވް އޮފިސަރ އަލީ ރައްޒާން ވިދާޅުވީ މިއަހަރަށް ސަރުކާރުން މިހާރު ޓާގެޓްކޮށްފައިވާ ފަަތުރުވެރިންގެ އަދަދަކީ ފަސް ލައްކަ ކަމަށާއި، ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައި އެއްލައްކަ ވަނަ ފަތުރުވެރިޔާ ޑިސެމްބަރ 12 ވަނަ ދުވަހު ރާއްޖެ އައިސްފައިވާ އިރު، މުޅި އަހަރު ރާއްޖެ އައި ފަުތުރުވެރިންގެ ތެރެއިން ފަސް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ ޑިސެމްބަރ 19 ވަނަ ދުވަހު ކަމަށެވެ.
ރައްޒާން ވިދާޅުވީ ކޮވިޑް-19 ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އަލުން ހުޅުވާލި އިރު، އެންމެ ފުރަތަމަ އަންދާޒާ ކުރެވުނީ ފަސް ލައްކަ ފަތުުރުވެރިން ހަމަވާނީ ޑިސެމްބަރ 25ގެ ފަހުން ކަމަށެވެ. އެހެން ނަމަވެސް މިހާރު ރާއްޖެ އަންނަމުންދާ ފަތުރުވެރިންގެ އަދަދަށް ބަލައި ކުރިއަށް އޮތްތާގައި ވަރަށް އަވަހަށް ފަސް ލައްކަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައްޒާން ވިދާޅުވިއެވެ.
އަންނަ އަހަރަށް ޓޫރިޒަމް މިނިސްޓްރީ އިން ލަފާކުރީ ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އަންނާނެކަމަށް ކަމަށާއި، އެހެންނަމަވެސް މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބަލައި އަންނަ އަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެކަމަށް މިހާރު ލަފަކުރެވޭކަމަށް ރައްޒާން ފާހަގަކުރެއްވިއެވެ.
ރައްޒާން ވިދާޅުވީ މިގޮތަށް ނަންބަރުތައް ލަފާކުރެވުނު ނަމަވެސް ދުނިޔޭގެ ކޮވިޑް-19 ގެ ހާލަތު މީގައި ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށާއި އެގޮތުން ގައުމުތަކުން ވެކްސިން ޖަހަން ފަށައި ހާލަތު ރަނގަޅުވާން ފަށައިފި ނަމަ އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށާއި އެހެން ނަމަވެސް ކޮވިޑްގެ ހާލަތު ގޯސް ވެއްޖެ ނަމަ 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ދަތިތަކާ ކުރިމަތިވާނެކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން މާޗް 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ ޖުލައި 15 ވަނަ ދުވަހުއެވެ. ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވަނީ އެއް ލައްކައިން މައްޗަށް އަރާފައެވެ.