40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން ޑިސެންބަރު 10 އަދި 11 ވަނަ ދުވަހު ކުރިއަށްގެންދިޔަ މަސްވެރިންގެ ފޯރަމް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
މި ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުއެވެ. ފޯރަމް ޝަރަފުވެރުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މަސް ކިރުވުމަށް ގިނަ ވަގުތު ކިއުގައި ހޭދަކުރަންޖެހުމާއި، އައިސް ލިބުމުގައި ހުރި ދަތިތަކާއި، އެކްސްޕޯޓް މަރުހަލާގައި ނަގާ ފީތައް ވާދަވެރި އެހެން ގައުމުތަކާއި އަޅާބަލާއިރު އެތައް ގުނައަކުން ބޮޑުވުމާއި އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ހައްޤު މަޤާމު ބޭރުގެ ބާޒާރުގައި ޤާއިމުކުރެވިފައި ނެތުމަކީ މަސްވެރިންނާއި މި ސިނާޢަތުގެ ބައިވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމެއްކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ފޯރަމްގައި މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާއި، އިންޑިޔާކަނޑުގައި ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ގޮތުން މަސްބާނާނެ މިންވަރު ކަނޑައެޅުމާ ގުޅޭ ގޮތުންނާއި، ދިވެހިރާއްޖޭގައި އުފައްދާ ހިކި ކަނޑުމަހުގެ މިންގަނޑާ ބެހޭ ގޮތުންނާއި، ކަނދުފަތީގެ މަސްވެރިކަން ފުޅާކުރުމާއި، މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމާގުޅޭ ގޮތުން އަދި ބޭރުގެ އުޅަނދުފަހަރަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާބެހޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ފޯރަމްގެ ފުރަތަމަ ދުވަހުގެ ތިން ވަނަ ސެޝަންގައި ޚާއްސަކޮށްފައިވަނީ ދިވެހިރާއްޖޭގައި އުފައްދާ ހިކި ކަނޑުމަހުގެ ކޮލިޓީ ރަނަގަޅު ކުރުމަށްޓަކައި އެކުލަވައިލަމުންގެންދާ ގަވާއިދާގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށެވެ. މިގޮތުން ހިކި ކަނޑުމަސް އުފައްދާ ތަންތަނާއި، ރާއްޖޭގެ އެތެރޭގެ ބާޒާރުތަކަށާއި އެކްސްޕޯޓުކުރުމަށް ހިކި ކަނޑުމަސް ބަންދުކުރާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ހިކި ކަނޑުމަސް އުފެއްދުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި މިންގަނޑުތަކާގުޅޭ މަޢުލޫމާތުދެވުނެވެ. މި ސެޝަން ހުށަހަޅުއްވައިދެއްވީ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކްއެވެ.
ފޯރަމްގެ ދެވަނަ ދުވަހުގެ ފުރަތަމަ ސެޝަނެއް ކުރިއަށް ގެސްގޮސްފައިވަނީ، އޮއިވާލިކަނދުފައްޗާއި ގުޅޭގޮތުންނެވެ. މިސެޝަންގައި އޮއިވާލި ކަނދުފަތި ހަރުކުރުމުގެ ބޭނުމާއި ކަނޑައިގެންދާ ކަނދުފަތިތައް ހަރުކޮށް މަރާމާތުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި އޮވާލިކަނދުފަތީގެ ވިއުގަ ދެމެހެއްޓުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ވަނީ ދީފައެވެ. ފޯރަމްގެ ފަހު ސެޝަންގައި، ބޭރުގެ އުޅަނދުތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާގުޅޭ ގޮތުން މިނިސްޓްރީގެ ފަރާތުން އެކުލަވައިލަމުންދާ ގަވާއިދުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
ފޯރަމްގައި އެޖެންޑާކޮށްފައިވާ މަޢުޞޫޢުތަކުގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަމާގުޅޭގޮތުން މަޝްވަރާކުރުމަށް ފޯރަމްގެ ދެވަނަ ދުވަހު ބައިވެރިންނަށް ފުރުޞަތު ހުޅުވާލައި، މަސްވެރިކަން ކުރުން މަނާ ސަރަޙައްދުތަކާއި ގުޅޭގޮތުންނާއި މަސް ކިރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.