ޖާގައިގެ ގޮތުން ތަނަވަސް ކަމާއި، އެއްފަހަރާ ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ކުޅުދުއްފުށި ސިޓީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. .
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރެވިގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ޖުމްލަ 137.6 މިލިއަން ރުފިޔާ ހޭދަވި، މި މަޝްރޫއުގެ ދަށުން 236،844 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް، 24،450 ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބިން ހިއްކައި، 1،000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ކޮންކްރީޓުގެ މަސައްކަތް ކުރުމާއި، އެއްގަމު ތޮށި ހިމެނޭ ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް ގައު އަތުރައި، ކާނުގަނޑުގެ މަތި އެޅުން ފަދަ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދައި މުޅިން އައު ނެރެއް ކަނޑާފައިވާއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއްވެސް ހަދާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ބަނދަރުގައި ފެރީޓާމިނަލެއް އިމާރާތް ކުރުމާއި، ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިލް ފިހާރަތަކާއި ނަމާދުކުރާ ތަނެއް އަދި ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަރަހައްދެއްވެސް ވަނީ ތަރައްގީކޮށްފައެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މަސް މާރުކޭޓެއް ހެދުމާއި މަސްކަނޑާތަނެއް ހެދުމާއި މަސްވެރިނަށް ފާހާނާއާއި ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުމާއި ސްޓޯރާއި ފައިސާ ކައުންޓަރުތައްވެސް ގާއިމުކޮށްފައިވާނެ ކަމަށެވެ. އަދި ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރުތައް ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއް ވެސް ތަރައްގީކޮށްފައިވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.