ނ. މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީއިން (އެމް.ޑަބްލިއު.އެސް.ސީ)ން ބުނެފިއެވެ.
ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް އިމާރާތް ކުރާ ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ އިމާރާތުގެ 25 އިންސައްތަ މަސައްކަތް ނިމިފައިވާކަން ފާހަގަކޮށް އެމްޑަބްލިއުއެސްސީން ބުނީ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންދެވިފައިވާ ކަމަށެވެ. އަދި ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މާޅެންދޫގައި ގާއިމު ކުރެވޭ ނަރުދަމާ ނިޒާމުގެ ދަށުން 7.9 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރާނެއެވެ. 1 ކިލޯ މީޓަރުގެ ޕާންޕިން ލައިން އެޅުމަށް ނިންމާފައިވާއިރު، ނަރުދަމާގެ އިދާރީ ބިލްޑިންގް އިމާރާތް ކުރުމާއި، 2 ޕަންޑިން ސްޓޭޝަނާއި އަދި އައުޓް ފޯލް ގާއިމުކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މީގެ އިތުރުން އެރަށުގައި 11.7 ކިލޯ މީޓަރގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް 250 ޓަނުގެ ތިން ތާންގީ ބަހައްޓާނެ އެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ.
މިމަޝްރޫއަށް 42.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރާއި ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މިމަސައްކަތްތައް ކުރިއަށްދާ ގޮތް އެމްޑަބްލިޔުއެސްސީން ގެންދަނީ ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން ހުކުރު ދުވަހު އެމްޑަބްލިއުއެސްސީގެ ޗެއާމަން ހަސަން ޝާހު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވަނީ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގެން ވަރަށް ގާތުން މަސައްކަތްތައް ބައްލަވާލައްވާފައެވެ.
މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 22 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.