ނައިބު ރައީސް ފައިޞަލް ނަސީމް، އައްޑޫ ސިޓީއަށާއި، ފުވައްމުލަކު ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހޮނިހިރު ދުވަހުގެ ހެނދުނު ފުރާވަޑައިގަންނަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، މިދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ނައިބު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓިއަށް ކަމަށެވެ. ދަތުރުފުޅުފައި ސ.ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން، ސ. ހުޅުދޫއަށް ޒިޔާރަތްކުރައްވާ އެރަށުގައި ޤާއިމުކުރާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އަޅުއްވާދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ނައިބު ރައީސް ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ސިޓީއަށެވެ. އެމަނިކުފާނު ފުވައްމުލަކަށް ކުރައްވާ ޒިޔާރަތުގައި، އެރަށުގެ ވެމްކޯ ވޭސްޓް ކަލެކްޝަން ސެންޓަރާއި، އެރަށުގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ނައިބު ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ.