ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހުގެ މެންދަމު 3:30ން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނު 8:30އާ ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކިިިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ވައި އެނބުރި، އުތުރު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.