ރާއްޖެއިން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މިހާތަނަށް ރާއްޖެއިން ރިޕޯޓްކުރި ކޭސްތަކުގެ އަދަދު 13،326 އަށް އަރައިފިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ދުވަހުގެ އަދަދުތައް ހިއްސާކޮށް އެޗްޕީއޭއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުގައި، 24 ގަޑީއިރުގެ ތެރޭގައި ޖުމްލަ 2،358 ސާމްޕަލެއް ޓެސްޓުކޮށްފައިވެއެވެ. ޕޮޒިޓިވްވީ ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން އެންމެ 0.7 އިންސައްތަ ސާމްޕަލެވެ. އަދި މިހާތަނަށް ރާއްޖެއިން 265،469 ސާމްޕަލެއްވަނީ ޓެސްޓުކޮށްފައެވެ.
އެންމެ ފަހުން ރިޕޯޓްކުރެވުނު ކޭސްތަކުގެ ތެރޭގައިވެސް ގިނައީ މާލެ ސަރަހައްދުން ރިޕޯޓްކުރެވުނު ކޭސްތަކެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުން 16 މީހަކު ޕޮޒިޓިވްވެފައިވާއިރު، ބާކީހުރި ކޭސްތައް ރިޕޯޓްކުރެވުނީ މީހުން ދިރިއުޅޭ ރަށަކުންނާއި ތަރައްގީ ކުރަމުން އަންނަ ރިސޯޓަކުންނެވެ.
އިތުރު ތަފާސްތަކަށް ބަލާއިރު، ނިމިދިޔަ ހަފުތާގެ ތެރޭގައި އެންމެ ހެޔޮ ބަދަލެއް އައިސްފައިވަނީ މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުތަކަށެވެ. އެގޮތުން ހަފުތާ ފެށުނުއިރު 800 އިން މަތީގައި ހުރި އެކްޓިވް ކޭސްތަކުގެ އަދަދުތައްވަނީ، 631 ތިރިވެފައެވެ. އަދި މި ވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ އޭގެ ތެރެއިން 60 މީހަކަށެވެ.
އެޗްޕީއޭއިން ބަލާ 24 ގަޑީއިރުގެ ތެރޭގައި މި ބަލީގައި އިތުރު މީހަކު ރާއްޖެއިން ނިޔާވުމާއި ގުޅިގެން، މިހާތަނަށް ނިޔާވި މީހުންގެ އަދަދުވަނީ 48 އަށް އިތުރުވެފައެވެ. އެ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާހޯދަމުންދިޔަ 69 އަހަރުގެ ދިވެހި ފިރިހެނެކެވެ.